24 Dec 2015, 13:56
ދެދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ހެކްޓަރެއްގެ ބިން ހިއްކާލެވޭ ވަރުގެ ކެޕޭސިޓީ ހުރި ޑްރެޑްޖަރެއް ރާއްޖެއަށް ގެނައުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
ތިނަދޫގައި ހިންގާ ތަރައްގީގެ މަޝްރޫތަކެއްގެ އެއްބަސްވުމުގައި ސޮއިކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ހަލީމް އަބްދުއްރައްޒާގު ވިދާޅުވީ، އެމްޓީސީސީގެ މަސައްކަތްތައް ވީހާވެސް ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު އެ ކުންފުނިން ބިންހިއްކުމުގެ ދާއިރާ ވަރަށް ބޮޑަށް ފުޅާކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
އެގޮތުން ހަލީމް ވިދާޅުވީ 2016 ވަނަ އަހަރު ނިމުމުގެ ކުރިން އެ ޑްރެޖަރު ރާއްޖެއަށް ގެނެސް ރާއްޖޭގައި ބިންހިއްކުމުގެ ޕްރޮޖެކްޓްތަކުގައި ބޭނުން ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު އެންމެ ބޮޑު އަމާޒަކީ އަޅުގަނޑުމެން މި ހިންގާ ބިން ހިއްކުމުގެ މަޝްރޫތައް ފުޅާކުރުން. އެގޮތުން މި މަޝްރޫއަށް އަޅުގަނޑުމެން ގާތްގަނޑަކަށް ދެ ދުވަހުގެ ތެރޭގައި ހެކްޓަރެއްގެ ބިން ހިއްކޭނެ ކެޕޭސިޓީ ހުރި ޑްރެޖަރެއް އަންނަ އަހަރު ގެނެސް މަސައްކަތް ފަށާނަން،" ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ނެދަލޭންޑްސްގެ އައިއެޗްސީ ކުންފުނިން އެކަމުގެ ޔަގީންކަން އެމްޓީސީސީއަށް މިހާރު ދީފައިވާ ކަމަށެވެ. އެ ޑްރެޖަރު ލިބުމާއެކު ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ ތަފާތު ޕްރޮޖެކްޓްތައް އެ ކުންފުނިން ފުރިހަމަކަމާ އެކު ކުރިއަށްގެންދެވޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ.
އެ ކުންފުނިން ހިންގާ ކޮންސްޓްރަކްޝަން މަސައްކަތްތައް ފިޔަވައި ދެން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތަކީ ދަތުރުފަތުރުގެ ހިދުމަތް ވީހާވެސް ފުޅާކުރުން ކަމަށް ހަލީމް ވިދާޅުވި އެވެ.
އެގޮތުން އެއާޕޯޓަށް ދަތުރުކުރާ ބަސްތަކާއި ހުޅުމާލެއާ މާލެއާ ދެމެދު އަދި ވިލިމާލެއާ ދެމެދު ދެމުން އަންނަ ފެރީގެ ހިދުމަތް މިހާރު ފެންވަރު ރަނގަޅުކޮށް އަތޮޅުތަކުގެ ފެރީގެ ހިދުމަތް އިތުރަށް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހަލީމް ވިދާޅުވި އެވެ.