24 Dec 2015, 14:29
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެި ރިލްވާންގެ އާއިލާގެ ފަރާތުން ރައީސް އަބްދުﷲ ޔާމީނަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ރިލްވާންގެ އާއިލާއިން ވަނީ މިއަދު ރައީސް އޮފީހަށް ގޮސް އެ ސިޓީ ހުށަހަޅައިފި އެވެ.
ސިޓީ ލުމުގެ ކުރިން ވެލާނާގެ ކުރިމަތީ ނޫސްވެރިންނަށް މައުލޫމާތު ދެމުން މިނިވަން ނޫހުގެ ނުސްވެރިއެއް ކަމަށްވާ ޒަހީނާ ރަޝީދު ބުނީ ރިލްވާން ގެއްލުނުތާ މިއަދަށްމީ 503 ވަނަ ދުވަސް ކަމަށާއި ރައީސް ޔާމިންގެ ފަރާތްޕުޅުން އެއްވެސް ބަހެއް ލިބިފައިނުވާ ނުވާ ކަމަށެވެ.
"އަޅުގަނޑުމެން މިއަދު ފޮނުވާ ސިޓީއަކީ ރައީސް ޔާމިން އަށް ފޮނުއްވަވާ ސިޓީއެއް. އަޅުގަނޑުމެންގެ އުއްމީދަކީ ރައީސް ޔާމިން ފުލުހުންނަށް ބާރު އަޅުއްވާ ވީހާ ވެސް އަވަހަކަށް މައްސަލަ ދިރާސާކޮށްދެއްވައި ރިލްވާން އަޅުގަނޑުމެންނާ ހަމައަށް ގެނެސް ދެއްވުން،" ޒަހީނާ ބުންޏެވެ.
ޒަހީނާ ބުނީ ރައްޔިތުންގެ ރައްކާތެރިކަން ހޯދައިދިނުމަކީ ދައުލަތުގެ ވާޖިބެއް ކަމަށެވެ.
ސިޓީއާ އެކު ރިލްވާންގެ އާއިލާއިން ވަނީ ރައީސް ޔާމީނަށް ރަމްޒީ ހަނދާނީ ހަދިޔާއެއް ވެސް ދެއްވައިފަ އެވެ. ޒަހީނާ ބުނީ އެ ހަދިޔާއަކީ ރިލްވާން އަބަދު ހަދާ "އޮރިގޭމީ މާކަނާ" އެއް ކަމަށެވެ. ޒަހީނާ ބުނީ އޭގެ 503 މާކަނާ މިއަދު ރައީސް ޔާމީނަށް ހަދިޔާއަކަށް ދެއްވާފައިވާ ކަމަށެވެ.
ރިލްވާން ހޯދުމަށް އޭނާގެ އާއިލާ އިންނާއި ފުލުހުން އަދި ވަކިވަކި މުއައްސަސާތަކުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. ރިލްވާން ގެއްލުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު އެވެ. ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ އެ ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލްއަށް ވަންނަނިކޮށެވެ.