އޮވަރީގެ ކެންސަރަކީ ފަރުވާކުރަން އުނދަގޫ ބާވަތުގެ ނުރައްކާތެރި ކެންސަރެއްކަމަށާ އޮވަރީގެ ކެންސަރަށް ގިނަ ދުވަސްވެއްޖެނަމަ މަރުވުމުގެ ފުރުސަތު ބޮޑުކަމަށް އިނގިރޭސިވިލާތުގައި ކުރި ކެންސަރާބެހޭ އިލްމީ ދިރާސާއަކުން ހާމަވެއްޖެ އެވެ.

"ޔުނިވަރސިޓީ ކޮލެޖް ލަންޑަން" އިން ކުރި ދިރާސާއެއްގެ ނަތީޖާ ދައްކާގޮތުން އޮވަރީގެ ކެންސަރަކީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން އުފެދޭ ކެންސަރަކަށްވުރެ ބޮޑަށް އެބާވަތުގެ ކެންސަރު ޖައްސާ ޖީން އެ މީހެއްގެ ހަށިގަނޑުގައި ހުރުމުގެ ސަބަބުން ޖެހޭ ކެންސަރެކެވެ. އެހެންކަމުން މި ކެންސަރުން ސަލާމަތްވުމަށް އޮތް އެންމެ ބުއްދިވެރި ގޮތަކީ މެޑިކަލް ޗެކްއަޕް ހަދައިގެން ބަލީގެ ކުރީކޮޅު ބަލި ދެނެގަތުން ކަމަށާއި މިކެންސަރު ޖެހިފައިވާކަން ކުރީކޮޅު އެނގިއްޖަނަމަ ފަރުވާކުރަން ފަސޭހަވެ އަދި ފަރުވާއިން އެބަލި އެއްކޮށް ނައްތާލެވޭކަން ވެސް މި ދިރާސާއިން ހާމަވެފައިވެއެވެ.

މި ދިރާސާ ކުރި ރީސާޗަރުންގެ ޓީމުން ހާމަކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތުގައި މިބާވަތުގެ ކެންސަރުދަނީ އިތުރުވަމުންކަން މެޑިކަލް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ބަލީގެ ކުރީކޮޅު ދެނެގަނެވިއްޖެނަމަ އޮވަރީ ކެންސަރު ޖެހިފައިވާ މީހުންގެ ތެރެއިން 80 އިންސައްތަ މީހުން އެބަލިން ސަލާމަތް ކުރެވޭނެ ކަމަށާ ނަމަވެސް ބަލީގެ ފަހުކޮޅުގައި އެނގިއްޖެނަމަ ބަލިޖެހިފައިވާ މީހުންގެ ތެރެއިން 70 އިންސައްތަ މީހުން 5 އަހަރު ތެރޭގައި މަރުވާކަމަށްވެސް ދިރާސާއާއި ތަފާސްހިސާބުތަކުގެ އަލީގައި މިޓީމުން ބުނެފައިވެއެވެ.

ޖެނެޓިކް ގޮތުން ވާރުތަވާ ކެންސަރު ޖެހެނީ ހަށިގަނޑުގައިވާ ޖީނެއްގައި ހުންނަ އުނިކަމެއްގެ ސަބަބުން، ސެލްތަކުގެ ޑީއެންއޭ އަށް ބަދަލުތަކެއް އައިސް ސެލްތައް ހަމައިން ނެއްޓި އާދަޔާ ޚިލާފަށް ގްރޯވުމުގެ ސަބަބުން ކަމަށް ސައެންސްވެރިން ބުނެއެވެ. އެހެންކަމުން ޖީންތަކުގެ ސަބަބުން ޖެހުމަށް މެދުވެރިވާ ކެންސަރު އިންސާނާގެ އުޅުމުގެ ވައްޓަފާޅިއާއި ކާބޯތަކެއްޗާ އަދި މާހައުލާ ގުޅުންނެތް ކަމަށަ ކޮންމެ ގޮތަކަށް އުޅުން ބެހެއްޓިޔަސް މިފަދަ ކެންސަރުން ސަލާމަތް ނުވާނެ ކަމަށް ސައެންސްވެރިން ބުނެއެވެ.

އޮވަރީގެ ކެންސަރު ޖެހިއްޖެނަމަ އޮވަރީ ނެގުމަކީ ވަރަށް އާންމު ކަމެކެވެ. އޮވަރީގެ ކެންސަރު ގިނައިން ޖެހޭކަމަށް ވަނީ އުމުރުން 45 އަހަރުން މަތީގެ އަންހެނުންނަށެވެ. އުމުރުން 40 އަހަރުވަމުން އޮވަރީ އާއި ރަހިމުގެ ޗެކްއަޕް އެއް އަހަރު އެއްފަހަރު ހެދުމަށް "ޔުނިވަރސިޓީ ކޮލެޖް ލަންޑަން" ގެ ރީސާޗަރުންގެ ލަފާދެއްވައެވެ. (ލަންސެޓް މެޑިކަލް ޖޯނަލް)