24 Dec 2015, 13:04
ޓްރިވެންޑްރަމް (24 ޑިސެމްބަރު) -ސާފް ސުޒުކީ ކަޕްގައި މިއަދު ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ޓިކެޓްތައް ޓްރިވެންޑްރަމްގައި ހުން ދިވެހި ކޮންސިއުލޭޓުން މިއަދު ދިވެހީންނަށް ހިލޭ ފޯރުކޮށްދެމުން ދާއިރު، މިހާތަނަށް 400 އަށްވުރެ ގިނަ ޓިކެޓް ބަހާފައިވާ ކަމަށް ކޮންސިއުލޭޓުން ބުނެފި އެވެ.
އިންޑިއާ ގަޑިން މިއަދު މެންދުރުފަހު 3:30ގައި ފެށުމަށް ހަމަޖެފައިވާ އެ މެޗުގެ ޓިކެޓް ދިވެހީންނަށް ހިލޭ ލިބޭނޭގޮތް ހެދުމަށް ކޮންސިއުލޭޓުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ދިވެހީންނަށް ހިލޭ ދޫކުރުމަށް 1000 އަށް ވުރެގިނަ ޓިކެޓް ލިބިފައިވާ ކަމަށް ކޮންސިއުލޭޓުން ބުންޏެވެ.
"އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން އިތުރު ޓިކެޓް ލިބޭތޯ. އިރާދަކުރެއްވިއްޔާ ހަމަ ހުރިހާ ޓިކެޓެއްވެސް ދިވެހީންނަށް ހިލޭ ފޯރުކޮށްދޭނަން،" ޓްރިވެންޑްރަމުގައި ހުންނަވާ ދިވެހި ކޮންސުލް އަލީ އާދަމް (އާދަމްބެ) ސަންއަށް ވިދާޅުވިއެވެ.

ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގައި ދިވެހީންނަށް ޓިކްކެޓް ބަހަނީ -- ސަން ފޮޓޯ
އާދަމްބެ ވިދާޅުވީ، މީގެ ކުރިން މުބާރާތް އިންތިޒާމްކުރާ ފަރާތްކަމަށްވާ ޑަބްލިއުއެސްޖީއާއި ރާއްޖޭގެ އެފްއޭއެމްއާއެކު ދެކެވުނު ވާހަކަތަކަށްފަހު، ކޮންސިއުލޭޓް މެދުވެރިކޮށް ދިވެހީންނަށް ބެހުމަށް 5000 ވަރަކަށް ޓިކެޓް ލިބޭނޭ ކަމަށް ބެލެވިފައިވީ ނަމަވެސް ޑަބްލިއުއެސްޖީން ކުރިން ބުނެފައިވާ ގޮތަށް ހަމަ ނުޖެހުމުން ޓިކެޓް ހޯދުމުގައި އުނދަގޫތަކެއް ކުރިމަތިވީ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިދަނީ، ޓްރިވެންޑްރަމްގެ ޑިސްޓްރިކްޓް ފުޓްބޯލް އެސޯސިއޭޝަން (ޑީއެފްއޭ)އާ ގުޅިގެން އިތުރަށް ޓިކެޓް ހޯދުމުގެ މަސައްކަތްކުރަމުން،" އާދަމްބެ ވިދާޅުވި އެވެ.
ކޮންސިއުލޭޓުން އެކި ފަރާތްތަކާ ގުޅައިގެން 1000 އަށް ވުރެ ގިނަ ޓިކެޓް ހޯދާފައިވާއިރު، އެފްއޭއެމުން ވެސް ދިވެހީންނަށް ބެހުމަށް، 100 އަށްވުރެ ގިނަ ޓިކެޓް މިހާރު ދީފައިވާ ކަމަށް އާދަމްބެ ވިދާޅުވި އެވެ.
ހިލޭ ޓިކެޓް ހޯދުމަށް، ދިވެހި ރައްޔިތެއްކަން އެނގޭ ލިޔުމެއް ހިފައިގެން ކޮންސިއުލޭޓަށް ދިއުމުން ޓިކެޓް ލިބޭނޭކަމަށްވެސް އާދަމްބެ ވިދާޅުވި އެވެ.