ސައުދީ އަރަބިއާ (ޑިސެމްބަރު 24): ސައުދީ އަރަބިއާގެ ޖަޒާން ޖެނެރަލް ހޮސްޕިޓަލުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި 25 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

އަލިފާނުގެ ހާދިސާ ހިނގައި ބޮޑަށް އަދާފައި ވަނީ އެ ހޮސްޕިޓަލުގެ އައިސީޔޫ އަދި މާބަނޑު އަންހެނުންގެ ޑިޕާޓްމެންޓް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ސައުދީ އަރަބިއާގެ ޖަޒާން ޖެނެރަލް ހޮސްޕިޓަލުގައި ރޯވެ އަނިޔާ ލިބުނު މީހަކު ގެންދަނީ --

ނަމަވެސް މިހާރު އަލިފާން ގަނޑު ނިއްވާލައި ހާދިސާގައި ޒަހަމްވި މީހުން އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާ ކަމަށް ސައުދީގެ ސިވިލް ޑިފެންސުން ވަނީ ބުނެފަ އެވެ.

ސައުދީގެ ނޫހެއްގައި ހާމަކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުން ހޮސްޕިޓަލުގެ ސާމާނާ އެކު މުޅިތަން ވަނީ އަނދައިފަ އެވެ. އަދި ފާރުތަކުގައި ވެސް ވަނީ ކަޅު ކުލަ އަރައިފަ އެވެ. މިހާރު އެ ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ.