24 Dec 2015, 12:35
ޗެލްސީގައި ކުޅެން ބޭނުން ނުވާ ކުޅުންތެރިއެއް ލައްވައި ކުޅުވަން ބޭނުން ނޫން ކަމަށް އެ ޓީމާ ވަގުތީ ގޮތުން މި ސީޒަން ނިމެންދެން ހަވާލުވި ގޫސް ހިޑިންކް ބުނެފި އެވެ.
ޗެލްސީ އިން އެއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ހިޑިންކް ބުނީ އޭނާ އަކީ ވަގުތީ ގޮތުން ޓީމާ ހަވާލުވި ކޯޗެއް ނަމަވެސް ކުޅުންތެރިންގެ ފަރާތުން އެކަށީގެންވާ ރަނގަޅު ކުޅުމެއް ފެނިގެންނުދާ ނަމަ އެ ކުޅުންތެރެއިކު ސްކޮޑުން ބާކީ ކުރުމުގެ ފުރިހަމަ ބާރު އޭނާ އަށް ލިބިގެންވާ ކަމަށާއި ކުޅެން ބޭނުންނުވާ ކުޅުންތެރިއެއް ނަމަ ޓީމް ދޫކޮށް ދާންވީ ކަމަށެވެ.
"މި ޓީމުގައި ކުޅެން ބޭނުން ނުވާ ނަމަ މެޗުތަކަކަށް ނާރުވާނަށް. އަހަރެން އާދޭހެއް ނުކުރާނަން އެ ކުޅުންތެރިން ކައިރިއަކު. އަހަރެންނަކަށް ނޭނގޭ ކީއްވެ ކަމެއް ކުޅުންތެރިންގެ ފަރާތުން އެކަށީގެންވާ ރަނގަޅު ކުޅުމެއް ނުފެންނަނީ. ގޮތެއް ނިންމަން އަދި އުނދަގޫ. ބޭނުމެއް ނޫން ސަބަބެއް ވެސް ހޯދާކަށް،" ހިޑިންކް ބުންޏެވެ.
އޭނާ ބުނީ މީގެ ކުރިން ކުޅުންތެރިންގެ ފަރާތުން ފެނިފައިވާ ކަންތައްތަކަށް އެއްޗެއް ބުނަން ބޭނުމެއް ނޫން ކަމަށާއި އަލަށް ޓީމާ ހަވާލުވުމުން ބޭނުން ވަނީ އާ ފެށުމަކުން ފަށަން ކަމަށެވެ.
މި ސީޒަނުގައި ޗެލްސީގެ ފަރާތުން ފެނިފައިވާ ދަށް ކުޅުމާ އެކު އެ ޓީމު އޮތީ ކުޅުނު 17 މެޗުން 18 ޕޮއިންޓް ލިބިގެން ތާވަލުގެ 15 ވަނާގައި ރެލިގޭޓްވެދާނެ ކަމަގެ ބިރު ހީވެފައިވާ ހިސާބުގަ އެވެ. އެހެންވެ ޓީމްގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށް ހިޑިންކް ވަނީ ވަގުތީ ގޮތުން ޓީމްގެ ކޯޗަކަށް އައްޔަނު ކޮށްފަ އެވެ.
ހިޑިންކްގެ އެންމެ ބޮޑު ގޮންޖެހުމަކަށް ވެގެން ދާނީ އެންމެ ފަހުގެ ލީގް ކާމިޔާބު ކޮށްފައިވާ ޗެލްސީ ރެލިގޭޓް ނުވެ އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ޖާގައެއް އެ ޓީމަށް ހޯދައިދިނުމެވެ.
"މީގެ ދެ ތިން އަހަރު ކުރިން ހަމަ މިކަހަލަ ހާލަތެއްގައި މި ޓީމް އޮއްވައި އަހަރެން ހަވާލުވިން. އަހަރެން އަބަދުވެސް ބޭނުންވޭ ޗެލްސީއާ އެކު މަސަތްކަތްކޮށް މިޓީމް ކާމިޔާބީ ހޯދާ ތަން ދެކެން،"
ހިޑިންކްގެ އިރުޝާދުގެ ދަށުން އެންމެ އަވަހަށް ޗެލްސީ މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ލީގް ތާވަލުގެ ހަތް ވަނާގައި އޮތް ވެޓް ފޯޑްއާ ދެކޮޅަަށެވެ.