24 Dec 2015, 11:53
ފޮރެއިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ޑރ. އައިޝަތު ޝެހެނާޒް އާދަމް އަށް އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކިއުޓިވްގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައި ވަނީ އެމަގާމަަށް ޑރ. ޝެހެނާޒް އައްޔަން ކުރައްވާފައި ވަނީ މިދޔަ ހޯމަ ދުވަހު ކަމަށެވެ.
ސީނިއާ ޕޮލިސީ އެގްޒެކިއުޓިވްގެ މަގާމަށް އޭނާ އައްޔަނު ކުރެއްވުމާ އެކު މިހާރު އެޑިއުކޭޝަން މިނިސްޓްރީގައި އެ މާގަމުގައި ހަތް ބޭފުޅަކު ތިއްބަވާނެ އެވެ. އެގޮތުން ޑރ. ޝެހެނާޒްގެ އިތުރުން ސީނިއާ އެގްޒެކިއުޓިވް ޕޮލިސީ މަގާމުގައި ތިއްބެވީ:
އިބްރާހިމް އިސްމާއިލް
- ހުސައިން ހަނީފް
- ޑރ. އަހުމަދު ރިޔާޒު
- އިބްރާހިމް ހަނީފް
- އަބްދުލް ސަމީއު ހަސަން
- ޝެރީނާ އަބްދުލް ސަމަދު
ޑރ. ޝެހެނާޒަކީ ރާއްޖެ އިން ޔޫއޭއީ އަށް ހަމަޖައްސަވާ އެމްބެސެޑަރުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ސީނިއާ ޕޮލިސީ އެގްޒެކިއުޓިވްގެ މަގާމުގައި މިހާރު ޖުމްލަ 27 ބޭފުޅަކު ސަރުކާރުގެ އެކި އޮފީސްތަކުގައި ތިއްބަވަ އެވެ. އެގޮތުން 26 ބޭފުޅުންނަކީ އެކި މިނިސްޓްރީތަކުގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ތިއްބެވި ބޭފުޅުންނެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މީގެ ކުރިން ވިދާޅުވެފައި ވަނީ ސީނިއާ ޕޮލިސީ އެގްޒެކިއުޓިވް މަގާމު ފުރުއްވާ ބޭފުޅުން ކުރައްވާނީ ޕޮލިސީ ލެވެލްގެ މަސައްކަތް ކަމަށެވެ.