ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެއްކަމުގައިވާ ކޮލި އަލީ އުމަރު މަނިކަކީ ގިނަ ދުވަސްތަކެއްވަންދެން ދައުލަތަށް އިހުލާސތެރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނު ވަނީ ރާއްޖޭގެ ވިޔަފާރިއާ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެޖެ އެވެ.

އަލީ އުމަރު މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު އެވެ. އެމަނިކުފާނު އަވަހާރަވީ އުމުރުފުޅުން 77 އަހަރުގަ އެވެ.

ކޮލި އަލި މަނިކަށް ހާއްސަކޮށްގެން ފޮރިން މިނިސްޓްރީގައި ހުޅުވާފައި ހުރި ތައުޒިޔާގެ ދަފްތަރުގައި ރައީސް ލިޔުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ ރައީސް ނާސިރާއި ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް ރާއްޖޭގެ ތަރައްގީއަށް ހިންގި މަޝްރޫއުތަކުގައި އަލި މަނިކުގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ.

"އެމަނިކުފާނާ ޙަވާލުކުރެއްވި ކޮންމެ މަޝްރޫއެއް ވެސް އަދި ކޮންމެ ކަމެއް ވެސް ހިންގަވާފައި ވަނީ، ވަރަށް ވިސްނުންތެރިކަމާ އެކު، އަދި އެ މަޝްރޫއަކުން ނުވަތަ އެ މަސައްކަތަކުން މުޅި ގައުމަށާއި ރައްޔިތުންނަށް ލިބޭނެ ފައިދާއަށާއި މަންފާއަށް އިސްކަން ދެއްވައިގެން،" ރައީސްގެ މެސެޖުގައި ލިއުއްވާފައިވެ އެވެ.

ރައީސް މައުމޫންގެ އަރިހުގައި ކޮލި އަލީ އުމަރު މަނިކު (ކ)

ކޮލި އަލި މަނިކު ސިފަވެގެން ދަނީ ރާއްޖޭގެ އިގްތިސާދަށް ޒަމާނީ ބަދަލުތައް ގެންނެވި އެންމެ ވަރުގަދަ ރޭވުންތެރިޔާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ޖަމާއަތަށް ފައިދާ ހުރި ގިނަ މަސައްކަތް ތަކެއް އަލި މަނިކު ކޮށްދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮލި އަލި މަނިކަށް ހާއްސަ ތައުޒިޔާގެ ދަފްތަރު ހުޅުވާފައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ އިތުރުން ސިންގަޕޫރުގައި ހުންނަ ދިވެހި ހައިކޮމިޝަނުގަ އެވެ.

އަލީ އުމަރު މަނިކަކީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ރާއްޖޭގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ހަމައެހެންމެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވެސް އޭނާ ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފަ އެވެ.

އަލީ އުމަރު މަނިކު އަވަހާރަވި ހަބަރު ލިބިވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނުގެ ދަރިކަލުން ޑޮކްޓަރު މުހައްމަދު އަލީއަށް ރައީސް ޔާމީން ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި އަލި މަނިކު އަވަހާރަވި ވާހަކަފުޅު އެއްސެވީ ވަރަށް ފުން ހިތާމަޔާ އެކުގައި ކަމަށް ރައީސް ވިދާޅުވި އެވެ. އަލި މަނިކަކީ ދިވެހި ދައުލަތަށާއި، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި އަދި ރާއްޖެ މިއަދު ދެކެމުންދާ ތަރައްގީގެ މުހިއްމު ހިއްސަދާރެއްކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ.