12 Apr 2011, 11:26
ސަރުކާރުން ޑޮލަރު ވިއްކާ އަގަށް ގެނައި ބަދަލާ ގުޅިގެން ހައްޖަށް މީހުން ފޮނުވާ ޖަމާއަތްތައް އިއްޔެ އިސްލާމިކް މިނިސްޓްރީއަށް ގޮސް ހައްޖަށާއި އުމްރާއަށް މީހުން ގެންދާ އަގަށް ބަދަލު ގެންނަން ވާހަކަ ދައްކައިފި އެވެ.
މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ އަހުމަދުﷲ ޖަމީލް މިއަދު ވިދާޅުވީ ޑޮލަރުގެ ވިއްކާ އަގަށް ބަދަލު ގެނެސްގެން އެކަން ޝަކުވާއެއްގެ ގޮތަށް އެއްވެސް ޖަމާއަތަކުން ހުށައަޅާފައި ނުވާ ކަމަށާއި ނަމަވެސް ހައްޖަށް މީހުން ގެންދާ އަގާ ބެހޭ ގޮތުން ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބައެއް ހައްޖު ޖަމާއަތްތަކުން މިނިސްޓްރީއަށް ދިޔަ ކަމަށެވެ.
"ޝަކުވާއެއްގެ ގޮތުގައި ތިމައްސަލަ އެއްވެސް ގްރޫޕަކުން ހުށައެއް ނާޅާ. އެކަމަކު އިއްޔެ ބައެއް ގްރޫޕްތަކުގެ ވެރިން މިނިސްޓަރާ ބައްދަލުކުރެއްވުމަށް ވަޑައިގަތް،" އަހުމަދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑޮލަރު ރޭޓަށް ބަދަލު އަޔަސް ޙައްޖަށާއި އުމްރާއަށް މީހުން ގެންދަން ސަރުކާރުން ކަނޑައަޅާފައިވާ ރޭޓަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށެވެ. އެފަދަ ބަދަލެއް ގެނައުމުގެ ވިސްނުމެއް ވެސް މިނިސްޓްރީން ނުގެންގުޅޭ ކަމަށެވެ.
ހައްޖު ޖަމާއަތްތަކަށް މިއަދު ގުޅައިގެން އެ ފަރާތްތަކުގެ ބަހެއް ލިބޭ ގޮތެއް ވެސް ނުވި އެވެ.
މިއަހަރު މީހުން ހައްޖަށް ގެންދަން ކޮލިފައި ވެފައި ވަނީ 10 ޖަމާއަތެކެވެ. ކޮލިފައިވި ޖަމާއަތްތަކުން މީހުން ހައްޖަށް ގެންގޮސްދޭން ހުށަހަޅާފައި ވަނީ މީހަކަށް 65000ރ. އެވެ.