24 Dec 2015, 11:27
ކެޕްޓަނުންގެ އިހުމާލުން ކަނޑުމަތީގެ ހާދިސާއެއް ހިނގައިފި ނަމަ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި، އެފަދަ ކެޕްޓަނުންގެ ލައިސެންސް އެއްކޮށް ހިފަހައްޓަން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކަނޑު ދަތުރުފަތުރުގެ ސަލާމަތާ ބެހޭ ގައުމީ މަހާސިންތާ މިއަދު ފައްޓަވައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކަނޑު ދަތުރު ކުރުމުގައި ސަލާމަތީ ގޮތުން ވިސްނަން ޖެހޭ ކަންކަން އިތުރުކުރަން ޖެހޭކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
"ލައިސެންސް ހިފަހައްޓަން ޖެހޭ ހާލަތެއްގައި ހަމަ އެއްގޮތަކަށް ވެސް ލައިސެންސް ނުދީ ހިފަހައްޓަން ޖެހިއްޖެ ހާލަތެއްގައި ވެސް އަޅުގަނޑުމެން ހިފަހައްޓަން ޖެހޭނެ. އެއީ ފަސެންޖަރުންގެ ސަލާމަތަށްޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަނޑުމަތީގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށް ކަނޑުމަތީގެ ސަލާމަތާ ބެހޭ ގަވާއިދުތަކަށް މިހާރު ވެސް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ވަކި ދުވަހަކުން ފެށިގެން ފަސިންޖަރުން އުފުލާ އުޅަނދުތަކުގައި ނުރައްކާތެރި މުދާ ނުއުފުލޭ ގޮތަށް މިހާރު ވަނީ އެކަށައަޅަފައި ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ މުއްދަތެއް ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނުރައްކާތެރި މުދަލުގެ ގޮތުގައި ހިމެނެނީ ޕެޓްެރޯލް، ގޭސް ފަދަ މުދަލެވެ.
ހަމައެހެންމެ ކަނޑުމަތީގައި ދިމާވާ ތަފާތު އެކިއެކި ހާދިސާތަކުގައި، އުޅަނދާއި އުޅަނދުގެ ކެޕްޓަން އަދި ފަޅުވެރިންގެ އިހުމާލެއްވާ ކަމަށް ފާހަގަވާ ނަމަ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ވެސް ސައީދު މިއަދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ބައެއް އުޅަނދުތަކުގައި މުވާސަލާތީ ވަސީލަތްތައް ގާއިމު ކުރުމަށް މަޖުބޫރު ކުރައްވާނެ ކަމަށެވެ. ައަދި ވަކި މުއްދަތެއް ދިނުމަށް ފަހު އުޅަނދުތަކަށް ދަތުރު ކުރެވޭނެ ފަސް ކެޓަގަރީއެއް ކަނޑައަޅުއްވާނެ ކަމަށާއި އެ ފަސް ކެޓަަރީގައި އުޅަނދުތަކަށް ދަތުރު ކުރެވޭނެ ދުރުމިން ވެސް ކަނޑައަޅުއްވާނެ ކަމަށެވެ.
"ދާން ހުއްދަ އޮންނަ ދުރުމިނަށް ރިއާޔަތް ކުރުމަށް ފަހު އެ އުޅަނދަކަށް ސަލާމަތީ ގޮތުން އެކަށައަޅަން ބޭނުންވާ އާލާތްތަކެއް ވާނީ މިހާރު ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ލިސްޓް ކުރެވިފައި،" ސަޢީދު ވިދާޅުވި އެވެ.
ހަމައެއާ އެކު ސީ ވާދިނަސް އަކީ ވެސް ކޮންމެ އަހަރަކު ހަދަން ޖެހޭ އެއްޗެއް ގޮތުގައި އެކަށައެޅިފައިވާ އިރު، ވަކި ކަހަލަ ތަމްރީނުތަކެއް ލިބިގެން ނޫނީ ލައިސެންސް ނުލިބޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އޭގެ ތެރޭގައި މިހާރު ލައިސެންސް އޮތް ފަރާތްތަކުން ވެސް ތަމްރީނުތަކުގައި ބައިވެރިވުން ލާޒިމް ވާނެ އެވެ.
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކަނޑު އުޅަނދުތަކާ ބެހޭ ގަވާއިދުތަކަށް ބަދަލުގެނެސް، ކަނޑުމަތީގެ ސަލާމަތާ ގުޅޭ ގައުމީ މަހާސިންތާއެއް ފަށާފައި މިވަަނީ ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ކަނޑުމަތީގެ ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައި ވާތީ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެ އެވެ.
މިއަދު ފެށި މަހާސިންތާ އިންތިޒާމްކޮށްފައި ވަނީ އިކޮނަމިކް މިނިސްޓްރީ އާއި މެރިން ޕޮލިސް އާއި ކޯސްޓް ގާޑާއި ޓްރާންސްޕޯޓް އޮތޯރިޓީ ގުޅިގެންނެވެ.
ކަނޑުދަތުރު ފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ކެޕްޓަނުން ހޭލުންތެރި ކުރުމަށް ބާއްވާ މަހާސިންތާގައި ރިސޯޓުތަކުގެ އުޅަނދުތަކުގެ ކެޕްޓަނުންނާއި ފެރީތަކުގެ ކެޕްޓަނުން ވަނީ ބައިވެރިވެފަ އެވެ.