ކޮލަމްބޯ (ޑިސެމްބަރ 24): ޒިނޭގެ ކުށުގައި ރަޖަމް ކުރުމަށް ހުކުމް ކޮށްފައި އިން ސްރީލަންކާ މެއިޑްގެ އަދަބު ސައުދީ ކޯޓަކުން ލުއި ކޮށްފި ކަމަށް ކޮލަމްބޯގެ ފޮރިން މިނިސްޓްރީ އިން އިއްޔެ ބުނެފި އެވެ.

އިސްތިއުނާފަށް ފަހު ސްރީލަންކާގެ އަންހެން މީހާގެ މަރުގެ ހުކުމް ލުއި ކޮށްފައި ވަނީ ތިން އަހަރުގެ ޖަލު ހުކުމަށެވެ. ސައުދީ އަރަބިއާގެ އެ ނިންމުމަށް ސްރީލަންކާގެ ފޮރިން މިނިސްޓްރީ އިން ވަނީ މަރުހަބާ ކިޔައިފަ އެވެ.

ކައިވެނިކޮށްފައިވާ އެ އަންހެންމީހާގެ މައްޗަށް ހިލޭ ފިރިހެނަކާ އެކު ޒިނޭ ކުރި ކަމުގެ ކުށް ސާބިތުވީ މިއަހަރުގެ އޮގަސްޓު މަހު އެވެ. އެ އަންހެން މީހާގެ މައްޗަށް މަރުގެ ހުކުމް ކުރުމުން ލަންކާގެ ގިނަ ރައްޔިތުން ވަނީ އެހުކުމާ ދެކޮޅަށް އަޑު އުފުލައިފަ އެވެ.

ޒިނޭ ކުރި ލަންކާގެ ފިރިހެން މީހާ އަށް ހުކުމް ކޮށްފައި ވަނީ 100 ފަހަރުން ހައްދު ޖެހުމަށެވެ.

މީގެ ކުރިން، 2013 ވަނަ އަހަރު ސައުދީ އަރަބިއާ އިން ވަނީ ލަންކާގެ ޒުވާން އަންހެނެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފަ އެވެ. އެއަންހެން މީހާގެ މައްޗަށް މަރުގެ ހުކުމް ކުރީ އޭނާގެ ބެލުމުގެ ދަށުގައި ހުރި ކުޑަކުއްޖަކު މަރާލުމުގެ ކުށުގައި އެވެ. (ސައުދީގެޒެޓް)