ކޮޕްޕިއުޓަރު ސިސްޓަމްތަކުގައި ހުރި ސޮފްޓްވެއާ އަށް ދިމާވި މައްސަލައަކާ ގުޅިގެން 2002 އިން ފެށިގެން އެމެރިކާ ވޮޝިންޓަންގެ ޖަލުތަކުން 3،200 ގައިދީން ދޫކޮށްލާފައިވާ ކަމަށް އެތަނުގެ ގަވަރުނަރު ޖޭ އިންސްލީ އިއުތިރާފުވެއްޖެއެވެ.

ޖަލުގައި ހޭދަ ކުރަން ޖެހޭ މުއްދަތަށްވުރެ ކުރިން ބައެއް ކުށްވެރިން ވޮޝިންޓަންގެ ޖަލުތަކުން ދޫ ކުރަން ފަށާފައިވަނީ 2002 ވަނަ އަހަރު އެވެ. އެއީ ގަސްދުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށް ބީބީސީ އިން ވަނީ ބުނެފައެވެ.

އެ އަހަރު ވަނީ އެ ސްޓޭޓްގެ ޖަލުތަކުގެ ގައިދީން މޮނިޓާކޮށް ބެލެހެއްޓުމަށް ގެންގުޅޭ ސިސްޓަމްތަކުގެ ސޮފްޓްވެއާ އަޕްޑޭޓް ކޮށްފައެވެ. އެގޮތަށް ބަދަލުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ގައިދީންގެ އުޅުން ބަލައިގެން މުއްދަތު ކުރުމަށް އެންގުމާއެކުގައި ކަމަށް ވޮޝިންޓަންގެ ޑިޕާޓްމެންޓް އޮފް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

ނަތީޖާއެއްގެ ގޮތުން ގައިދީން ޖަލުގައި ހޭދަ ކުރަން ޖެހޭ މުއްދަތުގެ ނުބައި ހިސާބު ހެދިފައިވާ ކަމަށް އިންސްލީ ވަނީ އެއްބަސްވެފައެވެ.

އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ބައެއް ގައިދީން ވަނީ ޖަލުގައި ހޭދަ ކުރަން ޖެހޭ މުއްދަތައްވުރެ ދެ އަހަރު ކުރިންވެސް ޖަލުން ދޫކޮށްލެވިފައި ކަމަށެވެ.

ސިސްޓަމްތަކުގައި ސޮފްޓްވެއާ މައްސަލައެއް އުޅޭ ކަމަށް ކަރެކްޝަންސް އަށް 2012 ވަނަ އަހަރު ވަނީ އެނގިފައެވެ.

"13 އަހަރު ވަންދެއް މިފަދަ ބޮޑު މައްސަލައެއް ސްޓޭޓްގެ ޖަލުގައި ހުރި ކަމަކީ ވަރަށް ހިތާމަވެރި ކަަމެއް،" އިންސްލީ ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ގައިދީން މިހާރުވެސް ދޫކޮށްލާފައިވާއިރު އަދިވެސް އެ މައްސަލަ ހައްލުކޮށްފައެއް ނުވެއެވެ. އަދި އެ ގްލިޗުގެ ދަށުން މިހާރުވެސް 3،100 ވަރަކަށް ގައިދީން ދޫކޮށްލެވޭނެ ކަމަށް އެޑްމިނިސްޓްރޭޓަރުންނަށް ގަބޫލު ކުރެވޭކަމަށް ވަނީ ބުނެފައެވެ.