ދެހާސް ހަތަރު ވަނަ އަހަރުން ފެށިގެން މިހާތަނަށް އައި އިރު "ދޫމް"ގެ ތިން ސީކުއެލް އެއް ވަނީ ރިލީޒް ކޮށްފަ އެވެ.

ހަތަރު ވަނަ ސީކުއެލް ވެސް "ދޫމް ރީލޯޑެޑް"ގެ ނަމުގައި އުފައްދަން ނިންމާފައިވާ ކަމަށް ދޫމްގެ ފިލްމުތައް އުފައްދަމުން އަންނަ ޔަޝްރާޖް ޕްރޮޑަކްޝަނުން ވަނީ ވަރަށް ފަހުން އިއުލާން ކޮށްފަ އެވެ.

އެހެންނަމަވެސް ދޫމްގެ ފިލްމުތައް ފެށުނީއްސުރެ، އެ ފިލްމުތަކުގައި ހަރަކާތްތެރިވަމުން އަންނަ އަބީޝޭކް ވަނީ "ދޫމް ރީލޯޑެޑް" އާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް އައި އިރު އެނގިފައި ނުވާކަމަށް ބުނެފަ އެވެ.

"އަހަންނަކަށް ނޭނގެ ދޫމް ރީލޯޑެޑް އާ ގުޅޭ އެއްވެސް މައުލޫމާތެއް. އަހަންނަކަށް ނޭނގެ އެއީ ފިލްމެއް ކަމެއް ނުވަތަ މިއުޒިކް ވީޑިއޯ އެއް ކަމެއް،" އަބީޝޭކް ބުންޏެވެ.

އަބީޝޭކް ދޫމްގެ ހަތަރު ވަނަ ފިލްމުން ފެންނާނެ ކަމާމެދު ގިނަ ބަޔަކު މިހާރު ވަނީ ސުވާލު އުފައްދައިފަ އެވެ.

ދޫމްގެ ފިލްމުތަކުގައި އަބީޝޭކް ފެނިގެން ގޮސްފައި ވަނީ ކުށްވެރިން ހައްޔަރު ކުރުމަށް ބުރަ މަސައްކަތެއް ކުރާ "މުމްބާއީ ގެ ކޮޕް" އެއްގެ ގޮތުގަ އެވެ.

އަބީޝޭކް އާ އެކު ހެއްވާ މަޖާ ފުލުހެއްގެ ގޮތުގައި އުދޭ ޗޯޕްރާ ވެސް އެ ދޫމްގެ ހުރިހާ ފިލްމެއްގައި ފެނިގެން ގޮސްފައިވެ އެވެ.

ދޫމްގެ އެންމެ ފަހުގެ ފިލްމު "ދޫމް 3" ރިލީޒްކޮށްފައި ވަނީ 2013 ވަނަ އަހަރު އެވެ. އެ ފިލްމުގައި ވިލަން އެއްގެ ރޯލުން އަދާކޮށްފައި ވަނީ އާމިރް ހާން އެވެ.