24 Dec 2015, 10:12
ޗެލްސީއާ އެކު ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ޑިޑިއޭ ޑްރޮގްބާ މިހާރު ކުޅެމުން އަންނަ ކެނެޑާގެ މޮންޓްރިއަލް އިމްޕެކްޓް އިން ޗެލްސީއަށް ބަދަލުވުމުގެ ވާހަކަތަށް ދެ ޓީމް ދެމެދުގައި ދެކެވެން ފަށައިފިއެވެ.
ޑްރޮގްބާ ކުޅެމުން އަންނަ މޮންޓްރިއަލްގެ އޮފިޝަލް ޓްވިޓާއިން އިއްޔެ ކުރި ޓްވީޓެއްގައި ވަނީ ޑްރޮގްބާ އޭނާގެ ކުރީގެ ކުލަބަށް އެހީވާން ބޭނުންވާ ކަން އެ މީހުންނާ ވެސް ހިއްސާ ކޮށްފައިވާ ކަމަށާއި ދެ ފަރާތް އެއްބަސްވާ ރަނގަޅު ގޮތެއް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޑްރޮގްބާ: އޭނާ ވަނީ ޗެލްސީއާއެކު ހޭދަކުރި ނުވަ އަހަރު ތެރޭގައި ހަތަރު ފަހަރު ލީގް ކާމިޔާބް ކޮށް އެއް ފަހަރު ޗެމްޕިއަންސް ލީގް ޓްރޮފީ ވެސް އުފުލާލާފަ އެވެ. ----
"އަހަރެމެން މި ދަނީ ޑްރޮގްބާއާއި ޗެލްސީއާ ވެސް ވާހަކަ ދައްކަމުން. އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ މަސަތްކަތެއް ވެސް ކުރަމުން މި ދަނީ ޑްރޮގްބާ މި ކުލަބު ގައި ބެހެއްޓުމަށް،" އެ ކުލަބުން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
ޗެލްސީއަށް 2004 ވަނަ އަހަރު ގުޅުނު ފޯވާޑް އެ ކުލަބާއި އެކު ނުވަ އަހަރު ހޭދަ ކުރުމަށް ފަހު 2012 ވަނަ އަހަރު ޗައިނާގެ ކުލަބަކަށް ކުޅެ ޖެހިގެން އައި އަހަރު ވަނީ ތުރުކީގެ ގަލަތަސަރާއީ އަށް ބަދަލުވެ އޭނާގެ ގޯލާއި އެކު ފެނަބާޗޭ ބަލިކޮށް ޓާކިޝް ލީގް ކަޕް ވެސް އުފުލާލާފައެވެ.
މޮންޓްރިއަލް އަށް ބަދަލުވުމުގެ ކުރިން 2014 ވަނަ އަހަރުގެ ސީޒަން ޗެލްސީއާ އެކު ހޭދަ ކޮށްފައިވާ ޑްރޮގްބާ އަންނަނީ އަބަދުވެސް އެ ކުލަބާ އެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. އެގޮތުން ޗެލްސީގެ ކޯޗް ކަމުން މޮރީނިއޯ ވަކިކުރުމަށް ފަހު އެ ޓީމް އެންމެ ފުރަތަމަ ކުޅުނު މެޗް ބަލާލަން ޗެލްސީގެ ސްޓެމްފޯޑް ބުރިޖަށް ވެސް އޭނާ ވަނީ ގޮސްފައެވެ.

ޗެލްސީ އެންމެ ފަހުން ކުޅުނު މެޗް ބާލާލަން ސްޓެމްފޯޑް ބުރިޖް އަށް އެ ޓިމްގެ ކޯޗް ހިޑިންކް އާއި އެކު ޑްރޮގްބާ --- ފޮޓޯ: އޭޕީ
އަންނަ އަހަރުގެ ނިޔަލަށް މޮންޓްރިއަލްއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާ އިރު އެ ކުލަބުން ވެސް އަންނަނީ އޭނާ ބެހެއްޓުމަށް މަސަތްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ޗެލްސީއަށް ބަދަލުވާން ބޭނުން ވެފައި ހުރި އައިވަރީ ކޯސްޓްގެ އުމުރުން 37 އަހަރުގެ ފޯވާޑް މިފަހަރު ޗެލްސީ އަށް ބަދަލުވާއިރު އޭނާ އެ ކުލަބުގައި އަދާކުރާނީ ކޮން ރޯލެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.
މި ސީޒަނުގައި 11 މެޗުން 11 ގޯލް މޮންޓްރިއަލް އަށް ކާމިޔާބްކޮށްދީފައިވާ ހުނަރުވެރި ފޯވާޑް މި ފަހަރު ޗެލްސީއަށް ބަދަލުވަނީ ކޯޗިން ސްޓާފެއްގެ ގޮތުގައި ކަމަށް އިނގިރޭސި މިޑިއާގައި އަންނަނީ ބުނަމުންނެވެ.