އެމެރިކާގައި ޑްރޯން ބޭނުންކުރާ ފަރާތްތަކުން ރެޖިސްޓްރީކޮށްގެން ނޫން ގޮތަކަށް ޑްރޯން ބޭނުން ނުކުރެވޭ ގޮތަށް ހެދުމާ ގުޅިގެން ދެ ދުވަހުގެ ތެރޭގައި 45،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނެފި އެވެ.

އެފްއޭއޭ އިން އެމެރިކާގައި ޑްރޯން ބޭނުން ކުރުމަށް ރެޖިސްޓާ ކުރަން ޖެހޭނެ ކަމަށް ބުނެފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގަ އެވެ. އެގޮތުން ޑްރޯންތަކުގެ ރެޖިސްޓްރޭޝަން އަށް ހުޅުވާލާފައި ވަނީ މިދިޔަ ހޯމަ ދުވަހުގައި ކަމަށް އެފްއޭއޭ އިން ވަނީ ބުނެފަ އެވެ.

ދެ ދުވަހުގެ ތެރޭގައި އެހާ ގިނަ މީހުން ޑްރޯންތައް ބޭނުން ކުރުމަށް ރެޖިސްޓާ ކޮށްފައިވާ އިރު އެ އަށް ރެޖިސްޓާ ކުރުމުގެ ސުންގަޑިއަކީ އަންނަ ފެބްރުއަރީ މަހުގެ 19 އެވެ.

އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޓްރާންސްޕޯޓްގެ ސެކެރެޓެރީ އެންތޯނީ ފޮކްސް ވިދާޅުވީ ރެޖިސްޓްރީކޮށްގެން ޑްރޯން ދުއްވޭ ގޮތަށް ހެދުމުގެ ބޭނުމަކީ ޑްރޯން ދުއްވާ ފަރާތްތަށް ޒިންމާދާރުކުރުވުމުގެ ބޭނުމުގައި ކަމަށެވެ. ޑްރޯން ރެޖިސްޓްރީކޮށްގެން ދުއްވޭ ގޮތަށް ނިންމާފައިވާ އިރު ރެޖިސްޓްރޭޝަނަށް ބޭނުންވާނެ މައުލޫމާތުތަކަކީ ކޮބައިކަމެއް އަދި ބުނެފައެއްނުވެ އެވެ.

ޑްރޯން ދުއްވުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ބުނެ ދުނިޔޭގެ އެކި ގައުމުތަކުގައި ޕައިލެޓުންދަނީ ޝަކުވާތައް ހުށަހަޅަމުންނެވެ. ހަމައެކަނި މި އަހަރުގެ ތެރޭގައި ވެސް 100 އަށް ވުރެ ގިނަ ޝަކުވާ ވަނީ ހުށަހަޅާފަ އެވެ. މަތިންދާ ބޯޓާ މާކައިރިން ޑްރޯން ދުއްވާ ނަމަ އިންޖީނުގައި ޖެހި ބޯޓުވެއްޓުން ނުވަތަ ބޯޓުގެ ކުޑަދޮރު ތަޅައިގެން ދިއުން ފަދަ ކަން ކަން ކުރިމަތިވެދާނެ ކަމަށް ޕައިލެޓުން ވަނީ ބުނެފަ އެވެ.

ޑްރޯން ރެޖިސްޓި ކޮށްގެން ދުއްވޭ ގޮތަށް ހަމަޖެހުމާ ގުޅިގެން މީގެ ފަހުން ގަންނަ ކޮންމެ ޑްރޯނެއް ރެޖިސްޓްރީކުރަން ޖެހޭނެ ކަމަށް ފޮކްސް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ޑްރޯން ގެއްލިއްޖެ ނަމަ ހޯދަން ފަސޭހަވާނެ ކަމަށް ވެސް ފޮކްސް ވަނީ ވިދާޅުވެފަ އެވެ.