12 Apr 2011, 11:22
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ މައްސަލައެއް ހުށަހެޅުއްވުމަށް މިއަދުގެ ޖަލްސާގައި ރިޔާސަތުން ފުރުސަތު ނުދެއްވި ކަމަށް ވިދާޅުވެ، ނިޒާމީ މައްސަލަ ނަންގަވައި އަޑުގަދަ ކުރައްވައި ރިޔާސަތުގެ އެންގުންތަކަށް ކިޔަމަން ނުވުމުން ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާގެ ނަން އިއްވައި ބޭރަށް ނެރެފި އެވެ.
މިއަދުގެ ޖަލްސާގެ ވަކި ހިސާބަކުން މުސްތަފާ ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވީ، ބުރާސްފަތި ދުވަހުގެރޭ ޕީއޭގެ ރައީސް އަދި މުލަކު ދާއިރާގެ އަބުދުﷲ ޔާމީން، މަޖިލީހަކީ ހައިވާނު ބަގީޗާއެއް ކަމަށް، ވިދާޅުވެފައިވާ ކަމަށް ތުހުމަތު ކުރައްވައި، އެ ކަމާ ބެހޭ ގޮތުން އިއްޔެ އިން ފެށިގެން މަޖިލީހަށް ހުށަހަޅުއްވަން މަސައްކަތް ކުރެއްވި އިމްތިޔާޒުގެ މައްސަލައަށް ފުރުސަތު ނުދެއްވުމުން ކަމަށް ވިދާޅުވަމުންނެވެ.
މުސްތަފާ ވިދާޅުވީ، އެ މައްސަލައަކީ އިމްތިޔާޒުގެ މައްސަލައަކަށް ވާތީ އެ މައްސަލަ ހުށަހެޅުއްވުމުގެ ފުރުސަތު މަޖިލީހުގެ ގަވާއިދުގެ ދަށުން ދެއްވަން ޖެހޭނެ ކަމަށެވެ. އަދި އެ މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވުމަށް ފުރުސަތު ދެއްވާނެ ކަމަށް އިއްޔެގެ ޖަލްސާގެ ރިޔާސަތުން ވިދާޅުވި ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ. އަދި މިއަދު 9:30ގައި އޭނާ ޖަލްސާ އަށް ވަޑައިގެންނެވި ކަމަށާއި މަޖިލީހުގެ ތަޅުމުގައި ނެތް ވަގުތު ބަލައި ރިޔާސަތުން އެ މައްސަލަ ބޭރުކޮށްލެއްވީ ކަމަށް ވެސް މުސްތަފާ ތުހުމަތު ކުރެއްވި އެވެ.
މުސްތަފާގެ ނިޒާމީ މައްސަލައަށް ޖަވާބު ދެއްވަމުން ރިޔާސަތުން، އަހްމަދު ނާޒިމު ވިދާޅުވީ، އިމްތިޔާޒުގެ މައްސަލަ ހުށަހެޅޭނީ އެޖެންޑާގައިވާ އެހެންކަންތައްތަކަށް ދަތި ނުވާނެ ގޮތަށް ކަމަށް ގަވާއިދުގައި ބުނާ ކަމަށެވެ. އަދި އިމްތިޔާޒުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވުމުގެ ފުރުސަތު ދެއްވުމަށް ބެއްލެވިއިރު، ޖަލްސާގައި މުސްތަފާ ވަޑައިގެންނެތުމުން، އެ މައްސަލަ ބޭރު ކުރަންޖެހިވަޑައިގެންނެވީ ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.
ނަމަވެސް މުސްތަފާ ތަކުރާރުކޮށް ނިޒާމީ މައްސަލަ ނަންގަވައި އަޑުގަދަ ކުރައްވައި، ވިދާޅުވީ އެކަން ހުއްޓަވާނީ އިމްތިޔާޒުގެ މައްސަލަ މާދަމާގެ ޖަލްސާއަށް ހުށަހެޅުއްވުމަށް ފުރުސަތު ދެއްވުމުން ކަމަށެވެ. އެކަމާގުޅިގެން ޖަލްސާގެ، އަޑުގަދަވެ އެހެން މެންބަރުން ވާހަކަ ދެއްކެވުމަށް އުނދަގޫވާން ފެށުމުން، ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ތަކުރާރުކޮށް މުސްތަފާއަށް ދެންނެވުމަށް ފަހު، ރިޔާސަތުން އޭނާގެނަން އިއްވެވި އެވެ. އަދި މުސްތަފާ ޖަލްސާ އިން އިންކުންނެވުމުން ޖަލްސާ ކުރިއަށް ގެންދެވާނެ ކަމަށް ވިދާޅުވެ ޖަލްސާ މެދުކަނޑުއްވައިލެއްވި އެވެ. ނަމަވެސް ކުޑަ ވަގުތުކޮޅަކަށް ފަހު މުސްތަފާ ނިކުންނެވުމުން އަލުން ޖަލްސާ ވަނީ ފައްޓަވައިފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޑީއާރުޕީގެ މައުމޫން ފެކަޝަނުން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއޭގެ ރައީސް އަބުދުﷲ ޔާމީން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލިސް ހައިވާނު ބަގީޗާއަކަށް ބަދަލުކޮށްލީ މި ސަރުކާރުން ކަމަށެވެ.
"މުއައްސަސާތަކުގެ ބާރު ކަނޑުވާލަނީ މި ސަރުކާރުން. ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަނީ މި ސަރުކާރުން. ރައްޔިތުންގެ މަޖިލިސް ހައިވާނު ބަގީޗާއަކަށް ބަދަލުކޮށްލީ މި ސަރުކާރުން. މި ސަރުކާރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި ކަންކަން ކުރެއްވީ. ރައްޔިތުންގެ މަޖިލީހުގައި ބިނާކުރަނިވި އެއްވެސްކަމެއް ކުރިއަށް ގެންދިޔަ ނުދެނީ މި ސަރުކާރުން. މި ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުން." ޔާމީން ވިދާޅުވި އެވެ.