ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރަކީ އެ އިންޑަސްޓްރީގެ އެހެނިހެން ތަރިންނާ ހިލާފަށް އޭރެއްގެ އެންމެ ފަހުގެ ފެޝަނަށް ލޯބި ކުރާ އަދި ޒީނަތްތެރި ވުމުގައި އަމިއްލަ ގޮތްތަކެއް ގެންގުޅޭ ތަރިއެކެވެ.

އެނާ އަކީ ބޮލީވުޑް އިންޑަސްޓްރީގައި ފެޝަނިސްޓާއެއްގެ ގޮތުގައި އަރާ ހުރި ތަރިއެކެވެ.

ސޯނަމް ބޮލީވުޑްގައި މަޝްހޫރު ވެފައިވަނީވެސް ބޮލީވުޑްގެ "ފެޝަން އައިކަން" ގެ ނަމުންނެވެ.

އެހެންނަމަވެސް، ސޯނަމްގެ ފެޝަން ޓްރެންޑަށް ބޮލީވުޑްގެ އެހެނިހެން ތަރިންގެ ފަރާތުން ނުރުހުމާއި ފާޑު ކިޔުން އަމާޒުވެފައިވާ ކަމަށް ސޯނަމް ވަނީ ވަރަށް ފަހުން ބުނެފައެވެ.

"ވަރަށް ގިނަ ތަރިން އަހަރެންނަށް ފާޑު ކިޔާ. އަހަރެން ހަނދާންވޭ، ވަރަށް މަޝްހޫރު ތަރިއެއް އެއްދުވަހަކު އަހަންނާ ސުވާލު ކުރި. "ސޯނަމް ކީއްވެގެންތަ ސްޓައިލިޝް ވުމަށް ތިހާ ވަރަށް ހަރަދު ކުރަނީ؟"، ސޯނަމް ބުންޏެވެ.

ސޯނަމް ބުނީ އޭނާ ގެ ސްޓައިލިސްޓަށް އެއްވެސް ޚަރަދެއް ނުކުރާ ކަމަށެވެ. އަދި އޭނާ އޭރެއްގެ ފެޝަން ޓްރެންޑަކަށްފެތެނީ ދައްތަގެ އެހީތެރިކަމާއެކު ނުވަތަ އޭނާ އަމިއްލަ އަށް ކަމަށް ސޯނަމް ބުންޏެވެ.

ސޯނަމް ބުނީ، އޭނަ އަށް ފެޝަނިސްޓާގެ ބަދަލުގައި "ސްޓައިލިޝް" ބޭނުން ކުރުމަށް އެދޭ ކަމަށެވެ.

"ފެޝަން ވުމާއި ސްޓައިލިޝް ވުމަކީ މުޅިން ތަފާތު ދެކަމެއް. ސްޓައިލިޝް ގެ މާނަ އަކީ އެ މީހަކު ބޭނުންވާ ގޮތަކަށް ކުރިއަށް ދިއުން. އަހަންނަށް މީހުން ފެޝަނިސްޓާ ކީމަ އަހަރެން ވަރަށް ފޫހި ވޭ،" ސޯނަމް ބުންޏެވެ.

ދެހާސް ހަތް ވަނަ އަހަރު ފިލްމީ ދާއިރާ އަށް ތައާރަފުވި ސޯނަމް ވަނީ މިހާތަނަށް އައި އިރު ކާމިޔާބު ފިލްމުތަކެއް ކުޅެފައެވެ.

ސޯނަމްގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ހޫބް ސޫރަތް، އައިޝާ، އައި ހޭޓް ލަވް ސްޓޯރީސް އަދި ޕްރޭމް ރަތަން ދަން ޕާޔޯ ހިމެނެއެވެ.