ސަލްޓަން ޕާކް ގޯތި ތެރޭގައި ހުރި ތާރީހީ މިސްކިތް، ކަޅުވަކަރު މިސްކިތް ހުޅުމާލެއަށް ބަދަލުކުރަން އިސްލާމިކް މިނިސްޓްރީ އިން ނިންމައިފި އެވެ.

ކަޅުވަކަރު މިސްކިތް ބިނާ ކުރެއްވީ ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްތޯނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރު އެވެ.

އެ މިސްކިތް ފުރަތަަ ހުރީ މަޖީދީމަގު، ގަލޮޅު ސްޓޭޑިއަމް ކުރިމަތީން ހީނާމާ ޕާކީން އާ ޖެހިގެންނެވެ. ނަމަވެސް ކުރީގެ ރައީސް އިބްރީހިމް ނާސިރުގެ ވެރިކަމުގައި އެ މިސްކިތް ބޭރު މީހަކަށް ވިއްްކާލުމުން އެ މިސްކިތް ހުރީ ފުރަނަފުށީގަ އެވެ. އެ މިސްކިތް މިހާރު ހުރި ތަނަށް ބަދަލު ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގަ އެވެ.

އެމިސްކިތަކީ ރާއްޖޭގެ ތާރީހާ ވެސް ގުޅިފައިވާ މިސްކިތެއް ކަމަށް ތާރީހު ދިރާސާ ކުރައްވާ ގިނަ ފަރާތްތަކުން މީގެ ކުރިން ބުނެފައިވާ އިރު އެމިސްކިތް ހުޅުމާލެއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

އެކަން ކުރަން ނިންމާފައި ވަނީ ޑިޕާޓްމެންޓް އޮފް ހެރިޓޭޖްއާއި މިނިސްޓްރީ އޮފް ޑީފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އަދި ހައުސިންގް މިނިސްޓްރީގެ އިތުރުން މިނިސްޓްރީ އިފް އެޑިއުކޭޝަނާ ގުޅިގެން ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެ އެވެ.

ކަޅުވަކަރު މިސްކިތް އަލުން މަރާމާތުކޮށް މިސްކިތުގެ އާބާތުރަ ފިލުވައި އަލުން ހުޅުއްވައި ދެއްވާފަައި ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެވެ.