24 Dec 2015, 09:25
ހިފާފައިވާ ގުދްސު (ޑިސެމްބަރު 24) : ވަޅިން ދިން ޙަމަލާތަކެއްގައި އިސްރާއީލުގެ ދެ ޔަހޫދީއަކު މަރާލައިފި އެވެ. އެ ދެޔަހޫދީން މަރާލާފައި ވަނީ އިސްރާއީލު ވެރިވެ ގަނެގެންއުޅޭ ފަލަސްތީނުގެ ރަށެއްކަމަށްވާ އިރުމަތީ ގުދްސުގެ ބާބުލްޚަލީލު ސަރަހައްދުގަ އެވެ.
އިސްރާއީލުގެ ފުލުހުންވަނީ މިހާދިސާ ހިނގުމާއެކު ފަލަސްތީނުގެ ދެ ޒުވާނެއްގެ ގަޔަށް ބަޑިޖަހައި އެދެޒުވާނުން ޝަހީދުކޮށްލައިފަ އެވެ. މި ދެ ޒުވާނުންނަކީ އިސްރާއީލުގެ ދެމީހުންގެ ގަޔަށް ވަޅިޖެހި ދެޒުވާނުން ކަމަށް އިސްރާއީލު ސިފައިން ތުހުމަތުކުރެ އެވެ. ނަމަވެސް މިކަން ސާބިތުކޮށްދެވިފައެއް ނުވެ އެވެ.
އިސްރާއީލު ފުލުހުން ފަލަސްތީނުގެ އެދެ ޒުވާނުންގެ ގަޔަށް ބަޑިޖެހުމާ އެކު ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ ވަޒަންވެރިންގެ ބަޔަކު އެދެޒުވާނުންނަށް ވަރަށް ބޮޑަށް އަނިޔާކުރި ކަމަށާ އެދެޒުވާނުން މަރުވީ ބަޑީގެ އުންޑައިގެ ވޭނާ އެކު ޔަހޫދީ ވަޒަންވެރިންކުރި އަނިޔާގެ ސަބަބުންކަމަށް ބުނާ ރިޕޯޓްތަކެއްވަނީ ފެންމަތިވެފަ އެވެ. މިއަނިޔާތައް ކުރާތަން ދައްކައިދޭ ވީޑީއޯއެއް ވެސް ސޯޝަލް މީޑިޔާގައި ވަނީ ދައުރުވާން ފަށާފަ އެވެ. ނަމަވެސް މިކަމާބެހޭ ގޮތުން އިސްރާއީލު ސިފައިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި ބަޑީގެ އުންޑައާއެކު ޒަޚަމްވެފައިވާ ފަލަސްތީނުގެ ދެޒުވާނުންނަށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ ޔަހޫދީ ވަޒަންވެރިނާ ދެކޮޅަށް ވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
އިސްރާއީލުން މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ގޯނާ ކުރަން ފެށުމާ އެކު ފަލަސްތީނުގެ ޒުވާނުން މީގެ ދެމަސްކުރިން ފެށި އިންތިފަޟާގައި މިހާތަނަށް އިސްރާއީލުން ފަލަސްތީނުގެ 102 މީހުން ޝަހީދުކޮށް 500 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފަ އެވެ. އަދި މިމުއްދަތުގައި ޝަރީޢަތަކާނުލައި އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ޒުވާނުންގެ އަދަދު ވެސް 150 އަށް ވުރެ ގިނަ ކަމަށް ފަލަސްތީނުން ބުނެއެވެ. މިއިންތިފާޟާގައި ފަލަސްތީނުގެ ޒުވާނުން އަމިއްލަ ނަފްސުގެ ދިފާއުގައި ދިން ޙަމަލާތަކުގައި އިސްރާއީލުގެ 19 ޔަހޫދީން މަރުވެ 30 އަށްވުރެ ގިނަ ޔަހޫދީން ޒަޚަމްވެފައިވެ އެވެ.(އަލްޖަޒީރާ)