24 Dec 2015, 09:44
ރިޔާޒް (ޑިސެމްބަރު 24) : ސޫރިޔާގައި ޓެރަރިސްޓް ޖަމާއަތްތައް އުފެދިގެންދިޔައީ އެގައުމުގެ ރައީސް ބައްޝާރުލްއަސަދުގެ ސިޔާސަތުތަކުގެ ސަބަބުންކަމަށް ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވިދާޅުވެއްޖެ އެވެ.
ސައޫދީ ރަސްގެފާނަށް ލަފާއެރުވުމުގައި ހަރަކާތްތެރިވާ އެގައުމުގެ ޝޫރާ މަޖިލިސްގެ ހަތަރު ވަނަ ދައުރު އިފްތިތާހް ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލްމާން ވިދާޅުވީ ސޫރިޔާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލަތާމެދު ހިތާމަ ކުރައްވާ ކަމަށާއި ނަމަވެސް މިނިކަމެތި ޙާލު ސޫރިޔާގެ ރައްޔިތުންނަށްޖެހި ޓެރަރިސްޓުންގެ ހާއްޔަކަށް އެގައުމު ވެގެން ދިޔައީ ބައްޝާރުގެ އަނިޔާވެރި ހަރުކަށި އަދި ގޮތްދޫނުކުރުމުގެ ސިޔާސަތުތަކުގެ ސަބަބުން ކަމުގަ އެވެ.
ސަލްމާން ވިދާޅުވީ ސައޫދީ އަރަބިޔާއިން މިހާރުވެސް މަސައްކަތް ކުރަނީ ސޫރިޔާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެވޭނެގޮތެއް ހޯދުމަށާ އަދި އެއްބައިވަންތަ އެއް ގައުމެއްގެ ގޮތުގައި ސޫރިޔާ ބޭއްވުމަށާ ސޫރިޔާ ބައިބައިވުމުން ސަލާމަތް ކުރުމަށެވެ. ސަލްމާން ވިދާޅުވީ ސޫރިޔާގެ މައްސަލާގައާ އަރަބި އިސްލާމީ ހުރިހާ ގައުމުތަކެއްގެ ދިފާއުގައާ އަދި ޓެރަރިޒަމާ ހަނގުރާމަ ކުރުމުގައި ސައޫދީން އަބަދު ވެސް ގެންގުޅެނީ ގުޑުގުޑުނާޅާ ސާބިތު ސިޔާސަތުތަކެއް ކަމުގަ އެވެ.
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައަށް ބައްލަވާލައްވަމުން ސައޫދީ ރަސްގެފާނު ވިދާޅުވީ އެގައުމުގެ މައްސަލައަށް ވެސް އޮތީ ސުލްހަވެރި ހައްލެއްކަމުގަ އެވެ. މިގޮތުން އދ. ގެ ސަލާމަތީ މަޖިލީހުގެ 2216 ވަނަ ގަރާރާއި ގަލްފުގެ ގައުމުތަކުން ހުށަހަޅާފައިވާ ސުލްހައިގެ ޕްލޭނާ އެއްގޮތަށް ޔަމަނަށް ސިޔާސީ ހައްލެއް ގެނައުމަށް ސައޫދީ އަރަބިޔާ މަސައްކަތް ކުރާނެ ކަމުގަ އެވެ.
ސައޫދީ އަރަބިޔާއަކީ ޔަމަންގެ ހަނގުރާމައިގެ ތެރެއަށް ސީދާ ގޮތެއްގައި ވަދެ ހަނގުރާމަ ކުރަމުން ގެންދާ ގައުމެކެވެ. އަދި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ސޫރިޔާގެ ވެރިކަމުން ފޭބުން ނޫންގޮތެއް ގަބޫލުނުކުރާނެ ކަމަށާ ބައްޝާރަށް ސޫރިޔާގައި އެއްވެސް މުސްތަގްބަލެއް އޮވެގެން ނުވާނެކަމަށްބުނެ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ސައޫދީ އަރަބިޔާއިން ތާއީދުކޮށް ހަތިޔާރާއި ފައިސާ އެމީހުންނަށް ފޯރުކޮށްދެމުން ގެންދެ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމުގެ ސަބަބުން ސައޫދީ އިގްތިސާދަށް ކުރިމަތިވެފައިވާ ފިއްތުންތަކަށް ބައްލަވާލައްވަމުން ސަލްމާން ވިދާޅުވީ ތެލުގެ އަގު ދަށަށް ދިޔަނަމަވެސް ސައޫދީ އިގްތިސާދީ ކުރިއެރުން ދަށަށް ނުދާ ކަމުގަ އެވެ. މިއީ ސައޫދީ އަރަބިޔާއަކީ ތެލާ އެކު އެނޫން ވެސް ގިނަ ސެކްޓަރުތަކަކަށް އިގްތިސާދު ފުޅާކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާއިފައިވާ ގައުމެއްކަން ހާމަވާކަމެއް ކަމަށްވެސް ސަލްމާން ވިދާޅުވި އެވެ. ސައޫދީ ރަސްގެފާނު މިހެން ވިދާޅުވި ނަމަވެސް ތެލުގެ އާމްދަނީ ދަށްވުމުގެ ސަބަބުން ސައޫދީ އަރަބިޔާއިން އެގައުމު ކުރިން ރައްކާކޮށްފައިވާ އެތަށްސަތޭކަ މިލިޔަން ޑޮލަރެއްގެ ރިޒާވް މިއަހަރު ތެރޭގައި ބޭނުންކުރަންފަށާފައިވާ ކަމަށާ ތެކުގެ އަގު މައްޗަށް ނުދާނަމަ ސައޫދީ ފައިސާގެ ރިޒާވް ފަސްއަހަރު ތެރޭގައި ހުސްވާނެ ކަމަށް ބައިނަލްއަގްވާމީ މަލީ އިދާރާތަކުން ބުނެފައިވެ އެވެ. (އަލްޖަޒީރާ)