25 Dec 2015, 11:04
ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދާން ޖެހެނީ ދިއްލާހާ އަތްވެކާއި އަދި ވެހޭހާ ވާރެއެއްގައި ކަނޑު ހުރަސް ކުރުމަށް ފަހު އެވެ. ދޯނި ފަހަރާއި ބޯޓު ފަހަރުގެ ބުރަ ސޫރަ އާއި ފެންވަރަށް ޒަމާނާ އެކު ބަދަލު އަންނަމުން ދިޔަޔަސް، ގިނަ ބަޔަކު އަދި ވެސް ދަތުރުކޮށް އުޅެނީ އަނގަމަތި މަސް އޮޑިފަހަރުގަ އެވެ. އަދި ގިނަ ފަހަރު އޮޑިފަހަރުތައް ފުރަނީ އޮޑިއަށް ކެތް ނުވާ ވަރަށް މުދާއަރުވައި ބަރުކޮށްގެންނެވެ.
ނަތީޖާއެއްގެ ގޮތުން ދަތުރަށް ފުރާއިރު ދަތުރުގެ ސަލާމަތަށް ނުވިސްނައި ފުރުމުން ކަނޑުމަތީގައި ނުރައްކާތެރި އެތައް ހިތާމަވެރި ހާދިސާތަކެއް ވަނީ ކުރިމަތިވެފަ އެވެ. ގިނަ ފަހަރު އެފަދަ ހާދިސާތައް ދިމާވެފައި ވަނީ ބަލަން ޖެހޭ ވަރަށް މޫސުމަށް ނުބަލައި ދަތުރު ކުރުމުންނެވެ. އަނެއްބައި ފަހަރު އޮޑި ދުއްވަން ހުންނަ މީހާގެ ފަރުވާ ކުޑަކަމުން ނުވަތަ އޭނާގެ އިހުމާލުން ނެވެ.
ކަނޑު އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރުމާއި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރާ ބެހޭ ގަވާއިދެއް ހަދާފައިވެ އެވެ. އެ ގަވާއިދުގައި ބުނަނީ "އެއްރަށުން އަނެއް ރަށަށް ނުވަތަ އެއްތަނުން އަނެއް ތަނަށް ކަނޑުމަގުން މީހުންނާއި މުދާ އުފުލުމުގައި އެއްފަރާތުން އަނެއް ފަރާތުގެ ހައްގުތައް ރައްކާތެރިކުރަންޖެހޭނެ" ކަމަށެވެ.
މިފަދަ ހާލަތެއްގައި އެ ހައްގުތައް ރައްކާތެރި ކުރުމަށް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ އޮޑި ދުއްވަން ހުންނަ މީހާ ނުވަތަ "ކައްޕިތާނު" މީހާ އެވެ. ނަމަވެސް ހުރިހާ ކައްޕިތާނުންނަށް އެ މައުލޫމާތު ރަނގަޅަށް އެނގޭތޯ އެވެ؟ ނޫނީ އެ މީހުން ހޭލުންތެރި ކުރުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭތޯ އެވެ؟
"އަޅުގަނޑު ކަނޑު މަތީގައި މަސައްކަތް ކުރާތާ މިހާރު މިވީ 15 އަހަރު. އެކަމަކު އަޅުގަނޑަކަށް ހަމަގައިމު ވެސް ނޭނގޭ ގާނޫނުގައި އޮންނަ ހުރިހާ އެއްޗެއް. އެނގޭ މީހުން ގިނައިން އެރުވުމަކީ މަނާ ކަމެއްކަން، މުދާ ގިނައިން އެރުވުމަކީ ވެސް މަނާ ކަމެއްކަން. އެކަމަކު މިކަންކަން ނޭނގޭ އެތައް ބަޔަކު ވެސް ތިބޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ދެން އެކްސިޑެންޓެއްވީމާ، ހާދިސާއެއް ދިމާވީމާ، އެކަމުގައި އިހުމާލުވާނީ އަޅުގަނޑުމެން ކެޕްޓަނުން. އެކަމަކުު ސަރުކާރުން ކީއްތޯ ވާނީ އެކަންކަން އަޅުގަނޑުމެންނަށް ކިޔައިދިނިއްޔާ." ށ. ފޯކައިދު އަށް އުފަން އާދަމް މޫސާ 45، އޭނާގެ ތަޖުރިބާ ހިއްސާ ކުރި އެވެ.

މޫސަ ބުނީ ފުލުހުން ވެސް އަދިި ކޯސްޓް ގާޑު ވެސް އޮޑިފަހަރު ޗެކު ކުރަނީ ވަކި މޫސުމެއްގައި ކަމަށާއި އެކަންކަން ރަނގަޅުކޮށް އަބަދުމެ އޮޑި ދޯނި ފަހަރުގެ ސަލާމަތީ ކަންކަން ބަލަން ޖެހޭނެ ކަމަށެވެ.
ގަވާއިދުގައި ބުނެފައި ވަނީ ކަނޑުމަގުން މުދާ އުފުލުމަށް ޓަކައި އުޅަނދު ފަހަރު ބަރު ކުރަންޖެހޭނީ އުޅަނދެއް ބަރު ކުރުމަށް ހުއްދަ ކޮށްފައިވާ މިންވަރަށް ކަމަށެވެ. ހަމައެއާ އެކު ދޯނި ފަހަރަށް މީހުން އަރުވަން ވާނީ މީހުން އެރުވުމަށް ހުއްދަ ދޫކޮށްފައިވާ މިންވަރަށް ކަމަށާއި މީހުން އުފުލުމަށް އެ ދޯންޏަކަށް ނުވަތަ ބޯޓަށް ހުއްދަ ދީފައިވާ މިންވަރު ދަތުރުވެރިންނަށް ފެންނާނެހެން ދޯނީގައި ބަހައްޓަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.
މިއަހަރު ހިނގައި ދިޔަ ބައެއް ބޮޑެތި ހާދިސާތައް:
- ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ ފަތުރުވެރިން މަރުވުން
- ހދ. ހަނިމާދޫ އެއާޕޯޓް ނެރުމަތީގައި ދެ ލޯންޗެެއް ޖެހި އެކްސިޑެންޓެއް ހިނގުން
- މާލެއިން ފުރައިގެން އދ. މާމިގިއްޔަށް ފުރައިގެން ދިޔަ "ސަން" ނަމަކަށް ކިޔާ ދޯންޏެއް އަޑިއަށް ދިއުން
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ކަނޑުމަތީގައި ހިނގި އެކި ކަހަލަ 638 ހާދިސާއަށް ފުލުހުން ހަރަކާތްތެރިވި އެވެ. އަދި ކަނޑުމަތީގެ 560 މައްސަލައެއް ފުލުހުންގެ މެރިން ޕޮލިހަށް ހުށަހެޅިފައިވާ އިރު އެކިއެކި މައްސަލަތަކާ ގުޅިގެން 134 މީހެއްގެ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އެޓެންޑްވި އިރު ކަނޑުމަތީގެ ޙާދިސާތަކާ ގުޅިގެން 560 މައްސަލަ މެރިން ޕޮލިސް އަށް ހުށަހެޅިގެންދިޔަ އެވެ.

ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގެ ތެރެއިން: އެ އެކްސިޑެންޓުގައި ދެ ފަތުރުވެރިން ވެސް ވަނީ މަރުވެފައި -- ފޮޓޯ/ ކިޔުންތެރިއެއް
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ "ސަން" އަށް ވިދާޅުވީ ކަނޑުމަތީގައި ހިނގާ އެކްސިޑެންޓުތަކާ ގުޅިގެން އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަނީ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތަށް ކަަމަށެވެ.
އޭނާ ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގުމުން ދޯނީގެ ސަލާމަތީ ކަންކަން ބެލުމަށް ފަހު އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުންދާ ކަމަށެވެ. އަދި ކަނޑުމަތީގައި ހިނގާ އެކި ހާދިސާތަކާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން މީގެ ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކަނޑުމަތީގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތައް ބަލައި ތަހުގީގު ކުރާނެ ކަމަށެވެ. އަދި އެކަމުގައި އިހުމާލުވާ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ކަނޑުމަތީ ހާދިސާތަކާ ގުޅިގެން އަޅާ ގާނޫނީ ފިޔަވަޅުތައް:
- އުޅަނދު ދުއްވާ މީހާގެ ލައިސަންސް ނެތްނަމަ 25 ރުފިޔާާއާއި 250 ރުފިޔާއާ ދެމެދު އަދަދަކަށް ޖޫރިމަނާ ކުރުން
- ލައިސަންސްގެ މުއްދަތު ހަމަވެފައިވާނަމަ 1000 ރުފިޔާއާއި 2000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުން
- ސަލާމަތީ ސެޓުފިކެޓާއި ޕަސިންޖަރުންނާއި މުދާ އުފުލާ ސެޓުފިކެޓު ނެތްނަމަ ނެތް ކޮންމެ ސެޓުފިކެޓަކަށް 100 ރުފިޔާއިން ޖޫރިމަނާ ކުރުން، އަދި އުޅަނދުގެ ވެރިފަރާތާ އުޅަނދު ދުއްވާ މީހާ 500 ރުފިޔާއިން ޖޫރިމަނާ ކުރުން
- އެކްސިޑެންޓެއް ވެއްޖެނަމަ އެކަމުގައި އިހުމާލުވާ ކޮންމެ ފަރާތެއްވެސް 250 ރުފިޔާއާއި 5000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުން
- ގަސްތުގައި އުޅަނދެއްގައި ޖައްސައިފިނަމަ 2000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުން
މިއީ ކަނޑުމަތީގެ ހާދިސާއެއް ހިނގައިފި ނަމަ ގާނޫނުން ބަޔާންކޮށްފައިވާ ބައެއް ފިޔަވަޅުތަކެވެ. ނަމަވެސް ބޮޑު ހާދިސާއެއް ހިނގައިގެން ދިއުމުން ވެސް ގާނޫނުން އިހުމާލުވާ ފަރާތް ކުރަނީ ކުޑަ ޖޫރިމަނާ އެކެވެ. އެހެންކަމުން ކަނޑުމަތީ ހާދިސާތަކާއި ގުޅިގެން އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ރަނގަޅު ގާނޫނެއް ބޭނުންވެ އެވެ.

ފަރަށް އެރި ދޯންޏެއް އަޑިއަށް ދަނީ: ފައިލް ފޮޓޯ
އެ މައްސަލައާ ގުޅިގެން ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލަކު "ސަން" އާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކަނޑުމަތީގެ ހާދިސާތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ދެކިގެން އެކަން ބަލަމުންދާ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.
"ވަރަށް ބައިވަރު އެކްސިޑެންޓުތައް އެބަ ހިނގާ ދެއްތޯ. އެކަމަކު އެކަމަކީ ގާނޫނީ މައްސަލައެއްގެ ގޮތުގައި ބެލެވޭ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. ކިތައް މީހުންގެ ފުރާނަ ގެއްލިއްޖެތޯ. އަޅުގަނޑަށް ގަބޫލުކުރެވެނީ އެންފޯސްމަންޓް ވަރަށް ދަށް ކަމަށް،" ވަކީލު ވިދާޅުވި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް ވިދާޅުވީ ކަނޑު މަތީގައި ހިނގާ އެކްސިޑެންޓެއްގެ ސަބަބުން މީހެއްގެ ފުރާނަ ގޮސްފި ނަމަ އެކަމުގައި ފުލުހުން އަމަލު ކުރާނެ ގޮތް ތަފާތުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރާނީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ކަމަށާއި ތަހުގީގު ކުރުމަށް ފަހު ޕްރިޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށެވެ.
ނަމަވެސް ގާނޫނީ ވަކީލު ވެސް ވިދާޅުވި ގޮތަށް، ސުވާލަކީ ގާނޫނުތައް ތަންފީޒު ކުރާާ ފަރާތްތަކުން، ކަނޑުމަތީގައި ހިނގާ ބޮޑެތި ހާދިސާތަކުގެ މައްސަލަތައް ސީރިއަސްކޮށް ނަގާތޯ އެވެ؟ އެހެން ކަމަށްވާ ނަމަ ދާދިފަހުން ވެސް މަރުވި، ސިންގަޕޫރުގެ ދެމައިންގެ މައްސަލާގައި އެ ހާދިސާ ހިނގަން މެދުވެރިވި ދެ އުޅަނދުގެ ކެޕްޓަނުން، "އެއީ އެއްވެސް ކަމެއް ނޫނޭ" ބުނާ ފަދަ ގޮތަކަށް މިނިވަނެއް ނުވީހެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ބޮޑުބައެއް ގުޅިފައި ވަނީ ކަނޑުދަތުރުގެ މައްޗަށެވެ. އެހެން ކަމާ އެކު އެކްސިޑެންޓްތައް މަދު ކުރުމަށް ގަވާއިދުތައް ވަރުގަދަކޮށް، ތަންފީޒު ކުރުން ހަރަދަނާ ކުރަން ޖެހެ އެވެ. ކޮންމެ މީހެއްގެ ފުރާނައަކީ ވެސް މުހިންމު ފުރާނައެއްކަން ގަބޫލުކުރަން ޖެހެ އެވެ.