ޔޫރަޕިއަން ޔޫނިއަންގެ ގާނޫނު ހަދާ މަޖިލީހުން ރާއްޖެއާ އަށް ދެކޮޅަށް ފާސްކުރި ގަރާރަކީ ގަނޫނު އަސާސީއާ ފުށުއަރާ އެއަށް އަމަލު ކުރެވެން ނެތް ގަރާރެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ސަން ޓީވީގެ "50 މިނެޓު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މޫސަ ރޭ ވިދާޅުވީ އެހެން ގައުމުތަކުގެ މިނިވަން ކަމަށް އަރައިގަތުމުގެ ބާރެއް ޔޫރަޕިއަން ޔޫނިއަނަށް ލިބިގެންނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން އުވާލަން ސާކުގެ ގައުމުތަކަށް ވެސް ނިންމިދާނެ ކަމަށާއި ނަމަވެސް އެފަދަ ނިންމުންތަކަކީ އަމަލުކުރެވޭނެ ނިންމުންތަކެއް ނޫން ކަމަށެވެ.

ރާއްޖޭގެ މީހުންނަށް ދަތުރުނުކުރެވޭ ގޮތަށް ގަރާރުތައް ފާސްކޮށްގެން އެ ގަރާރަށް އަމަލުކުރުން ލާޒިމްކުރެވޭނެ އެއްވެސް އުސޫލެއް ޔޫރަޕިއަން ޔޫނިއަންގައި ނޯންނާނެ ކަމަށާއި އެފަދަ ފިޔަވަޅުތައް އެޅޭނީ އދ.ގެ ސަލާމަތީ މަޖިލީހަށް ކަމަށެވެ.

"ޔޫރަޕިއަން ޔޫނިއަންގެ ގައުމުތައް އެކުވެ ބަހައްޓާފައި ދިވެހިރާއްޖެ އިން މީހުން ބާލަން، މިރާއްޖޭގެ މީހުން ދަތުރު ނުކުރަން، އެގޮތަށް ގަރާރު ފާސްކޮށްގެން އެއަށް އަމަލުކުރެވޭނެ އެއްވެސް އުސޫލެއް އީޔޫގެ އުސޫލުތަކުގެ ތެރޭގައި ވެސް ނުހިމެނޭނެ،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގަރާރު ނެރުމުގެ ފަހަތުގައި ވަނީ އެމްޑީޕީ ކަމުގައިވާ ނަމަ އެއީ އެޕާޓީން ކުރި ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ. ނަމަވެސް އެއީ އެމްޑީޕީން ކުރި ކަމެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.