24 Dec 2015, 00:02
ޓްރިވެންޑްރަމް، އިންޑިއާ (23 ޑިސެންބަރު)- މިހާތަނަށް އެކުގައި މަސައްކަތްކުރެވުނު ކޯޗުންގެ ތެރެއިން އެންމެ މޮޅު ކޯޗަކީ މިހާރު ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވެހުރި ނިއުޒީލެންޑްުގެ ވޯލްޑް ކަޕް ކޯޗް ރިކީ ހާބަޓް ކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބުނެފި އެވެ.
އިންޑިއާގެ ޓްރިވެންޑްރަމްގައި މިހާރު ކުރިއަށްދާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ސުޒުކީ ކަޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބޫޓާނާ ދެކޮޅަށް ނުކުތުމުގެ ކުރިން ޓްރިވެންޑްރަމްގެ ތާޖް ހޮޓެލްގައި އޮތް ޕްރިމެޗް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ދަގަނޑޭ ބުނީ، މިފަދަ ތަޖުރިބާހުރި ކޯޗެއްގެ އިރުޝާދުގެ ދަށުން ޒުވާން ކުޅުންތެރީން އިތުރަށް ކުރިއަރައިގެން ދާނޭ ކަމަށް އުންމީދު ކުރާ ކަމަށާއި އަދި އެކުޅުންތެރީންނަށް އޭގެ ފައިދާ އެންމެ އެދެވޭގޮތުގައި ލިބޭނޭ ކަމަށް ވެސް އުންމީދުކުރާ ކަމަށެވެ.
ސާފް ޗެންޕިއަންޝިޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑްވެސް މުގުރާލާފައިވާ ވަނީ، މި ފަހަރުގެ މުބާރާތަކީ އޭނާ މި މުބާރާތުގައި ކުޅޭނޭ އެންމެ ފަހު މުބާރާތްކަން މީގެ ކުރީން އިއުލާނުކޮށްފައެވެ.
ދަގަނޑޭ ބުނީ، ޒުވާން ކުޅުންތެރީންނާއި ސީނިއާ ކުޅުންތެރީންނާއެކު މުސްތަގުބަލުގައި ރަނގަޅު ޓީމެއް ބިނާކުރެވޭނޭ ކަމަށް އުންމީދުކުރާ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލް ބަދަލުކުރަން،" މެލޭޝިއާގެ ޕީޑީއާރްއެމްއަށް ކުޅެމުންގެންދާ ކެޕްޓަން ދަގޭ ބުންޏެވެ.
މިފަހަރުގެ ސާފް ސުޒުކީ ކަޕަކީ، ދަގަނޑޭގެ އިތުރުން ގައުމީ ޓީމަށް މިހާރު ކުޅޭ ސީނިއާ ގިނަ ކުޅުންތެރީން ތަކެއް މި މުބާރާތަށް އަލްވަދާއު ކިޔާނޭ ފަހަރު ކަމަށް ބެލެވޭއިރު، ކުރިއަށް އޮތްތަނުގައި ޒުވާން ކުޅުންތެރީންނަށް ފުރުސަތުދީގެން ޓީމު ބިނާ ކުރުމަކީ ކޯޗު ރިކީ ހާބަޓް އެންމެ ބޮޑު އިސްކަމެއްދޭނޭ ކަމެއްގެ ގޮތުގައި ބުނެ ކޯޗުވެސް ވަނީ އެކަން ފާހަގަކޮށްފައެވެ.