ޓްރިވެންޑްރަމް، އިންޑިއާ (23 ޑިސެމްބަރު) -ބޫޓާން މުބާރަތަށް އައީ ވަރުގަދަ މެޗުތަކަކަށްފަހު ތިން މަސް ދުވަހުގެ ދިގު ޓްރޭނިން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހުގައި ކަމަށާއި މާދަމާ ރާއްޖެއާ ދެކޮޅަށް ކުޅެން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް އެޓީމުގެ ކޯޗް ޕާމާ ޑޮޖީ ބުނެފި އެވެ.

ޑޮޖީ ބުނީ، އޭނާގެ ޓީމުގެ އެންމެ ބޮޑު ތަފާތަކަށް ވަނީ ޓްރޭނިން ކޭމްޕްގައި ކުރި މަސައްކަތް ކަމަށެވެ.

"އަހަރެން ބޭނުން ބޫޓާންގެ ފުޓްބޯޅަ ފެޑެރޭޝަނަށް ޝުކުރު އަދާ ކުރަން. ތިން މަސް ދުވަހުގެ ޓްރޭނިން ކޭމްޕަކަށް ފަހު އަހަރެން އުންމީދު ކުރަނީ މުބާރާތުގައި ރަނގަޅު ހިސާބަކަށް ދެވޭނެ ކަމަށް،" ޕާމާ ބުންޏެވެ.

ރާއްޖެއާ ބޫޓާ ކުޅޭ މެޗް ފެށޭނީ ރާއްޖޭ ގަޑިން މާދަމާ 3:00 ގައެވެ.

ރާއްޖެއާ ބޫޓާން މިހާތަނަށް ހަތް ފަހަރު ވާދަ ކޮށްފައިވާއިރު ރާއްޖެ ވަނީ ހަ މެޗުން މޮޅުވެފައެވެ. އަދި އަނެއް މެޗް ނިމުނީ އެއްވަރު ވެގެނެނެވެ.

ރާއްޖެއާ ބޫޓާން އެންމެ ފަހުން ބައްދަލު ކުރީ ވޯލްޑްކަޕް ކޮލިފައިންގެ އޭޝިއާ ޒޯން ގުރޫޕް 'ސީ' ގައި ބޫޓާންގައި ކުޅުނު މެޗްގައެވެ. އެމެޗު ރާއްޖެ ބުޓާން އަތުން ސަލާމަތްވީ ހަމަ ކިރިޔާއެވެ. އެޓީމުން ވަނީ ރާއްޖެ ހަތަރު ލަނޑު ޖަހައިފައިވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައި ރާއްޖެ ސިއްސުވާލައިފައެވެ.