ބައިނަލްއަގުއާމީ އެއިޑްސް ދުވަސް ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި އާންމުން، ހާއްސަކޮން ޒުވާނުން ހޭލުންތެރިކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން މާދަމާ ރޭ ލޯންޗްކުރާ "އެނގޭތަ" އެޕް އެޕްލިކޭޝަން ލޯންޗްކުރާ ހަފްލާގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

އެ ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭ ނެޝަނަލް އާޓް ގެލަރީގަ އެވެ.

'އެންގޭތަ' އެޕްއަކީ ކޮންމެ މީހަކަށް ވެސް، އެ ކުއްޖަކަށް ނުވަތަ މީހަކަށް އެޗްއައިވީ ޖެހުމަށް ހުރި ނުރައްކާ ނުވަތަ ރިސްކު ދައްކައިދޭ އެޕެކެވެ. އެ އެޕުން އެމީހެއްގެ އެޗްއައިވީ ރިސްކު ކުޑަކުރުމަށް އަމަލުތައް ބަހައްޓަންވީ ގޮތާއި، އެޗްއައިވީ އަދި ޖިންސީ ގުޅުމުން އަރާ އެހެނިހެން ބަލިތަކާ ބެހޭ މައުލޫމާތު ލިބޭ އިރު، އެޗްއައިވީއާ ގުޅުން ހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު ހިމެނޭނެ ކަމަށް ދިރާގުން މައުލޫމާތުދެ އެވެ.

އެއީ ފުރާވަރުގެ ކުދިންނާއި ޒުވާނުންނާއި ހަމައަށް، އެކުދިންގެ ތެރޭގައި މަޤުބޫލު، ގިނަ ކުދިން ބޭނުންކުރާ ފޯމެޓަކަށް ގެނެސްދިނުމަށް ތައްޔާރު ކޮށްފައިވާ އެޕެއް ކަމަށް ދިރާގުން އާންމުކުރި ބަޔާނެއްގައިވެ އެވެ.

އެ އިވެންޓަށް ހާޒިރުވާ އެންމެހާ މީހުނަށް ދިރާގުގެ ހަލުއި އިންޓަނެޓުގެ ހިދުމަތް މެދުވެރިކޮށް މުޅިންހިލޭ 'އެންގޭތަ' އެޕްލިކޭޝަން ޑައުންލޯޑުކޮށް އަޖުމަ ބަލައިލުމުގެ ފުރުސަތު ލިބިގެން ދާނެކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދް ޖަލީލް ވިދާޅުވީ އެފަދަ މުހިއްމު އިޖުތިމާއީ ހަރަކާތްތަކަށް ވެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއްވެދީ، އެކަންކަމުގައި ބައިވެރިވުމަކީ ދިރާގުން އަބަދުވެސް ވަރަށް އިސްކަމެއްދީގެން ކުރަމުންދާ ކަމެއް ކަމަށާއި އެގޮތުން މި މުހިއްމު އެޕްލިކޭޝަން ލޯންޗުކޮށް ބައިނަލްއަގުއާމީ އެއިޑްސް ދުވަހާއި ގުޅިގެން ހިންގޭ މި ހަރަކާތުގައި މުހިއްމު ދައުރެއް އަދާކޮށް ބައިވެރިވުމަށް ލިބިގެން ދިޔަ ފުރުސަތަކީ ދިރާގަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އޮފިޝަލަކު ވިދާޅުވީ މިވަގުތު އެޗްއައިވީ ޖެހިފައި ތިބި މީހުން ރާއްޖޭގައި މަދު ނަވަމެސް އެ ބައްޔަށް މަގުފަހިވާ އަމަލުތައް މުޖުތަމައުގެ ތެރޭގައި ޚާއްސަކޮށް ޒުވާނުންގެ ތެރޭގައި ގިނަ ކަމަށެވެ. އެހެންނަމަވެސް، ތިމާއަށް ބަލިޖެހޭ ފަދަ ގޮތަކަށް އަމަލު ބެހެއްޓުނު ކަމަށް ވިޔަސް ބަލި ޖެހުމުގެ ފުރުސަތު ނެތް ކަމަށް ނުވަތަ ކުޑަކަމަށް ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަ ކަމަށާއި އެޗްއައިވީ ފަދަ ބަލިތައް ރާއްޖޭގައި އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ދިރާގުގެ އިތުރުން އެ އެޕް ލޯންޗް ކުރުމާއި، ޕްރޮމޯޓް ކުރުމުގައި ޑަބްލިއުއެޗްއޯ އާއި މޯލްޑިވިއަން ރެޑް ކްރެސެންޓް އަދި ދި ޔޫތު މޫވްމަންޓާއި ވައިބް އިން ބައިވެރިވެ އެވެ.