ދިވެހިރާއްޖޭގެ ޖަލުތަކުގައި އާސަންދައިގެ ހިދުމަތް އިފްތިތާހު ކޮށްފި އެވެ.

ޖަލުތަކުގައި އާސަންދައިގެ ހިދުމަތް އިފްތިތާހު ކޮށްދެއްވީ އެކަމަށް ޓަކައި މިއަދު އައްސޭރި ޖަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމްއެވެ.

އައްސޭރި ޖަލުގެ އޮފީސް އިމާރާތާއި ފެން ޕްލާންޓް، އަދި އާސަންދަ ހިދުމަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން ---

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ހުޝާމް ވިދާޅުވީ، ތައާރަފު ކުރެވުނު އާސަންދަ ސުކީމްގެ ދަށުން ކުށްވެރިންނަށް ނަގަން ޖެހޭ ބޭސްތައް އާސަންދަ ހިދުމަތް ލިބޭ ކޮންމެ ތާކުން މިހާރު ނެގޭނެ ކަމަށެވެ.

"އާސަންދައިގެ ދަށުން އަޅުގަނޑުމެން ޑޮކްޓަރަށް ދައްކަން ޖެހިއްޖެ ހާލަތެއްގައި އެ ސުކީމްގެ ތެރެއިން އަޅުގަނޑުމެންނަށް ޑޮކްޓަރުންނަށް ދެއްކޭނެ،" ހުޝާމް ވިދާޅުވި އެވެ.

ހުޝާމް ވިދާޅުވީ، ބަންދުގައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމަށް ސުޕާ ސުޕެޝަލިސްޓުންގެ ވަކި އަދަދެއް މީގެ ކުރިން ރިޒާވް ކޮށްފައި އޮންނަ ކަމަށެވެ. އެހެންނަމެސް މިހާރު އެކަން ބަދަލު ވެފައިވާތީ ބަންދުގައި ތިބޭ މީހުން ސުޕަޝަލިސްޓުންނަށް ދެއްކުމަށް ވަރަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިވާ ކަމަށެވެ.

"މިހާރު މި އޮންނަނީ ކުށްވެރިންގެ ދައްކަން ޖެހޭ އަދަދު އަޅުގަނޑުމެން އެ ޕޮއިންޓުގެ ޕޯޓަލް ތެރެއަށް ލާން. ލީމާ ހަމަ އާއްމު ރައްޔިތުންގެ ތެރެއިން ވެސް އެ ޕޯޓަލްގައި ތިބި މީހުން ތަރުތީބުން ދެން އަޅުގަނޑުމެންނަށް މި ފުރުސަތު ލިބެނީ. އެހެންވީމަ ދަތިތަކެއް ހުންނާނެ،" ހުޝާމް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސީޕީ ހުޝާމް ވަނީ އައްސޭރި ޖަލުގެ އާ އޮފީސް އިމާރާތާއި ފެން ޕްލާންޓުވެސް ހުޅުއްވައި ދެއްވައިފަ އެވެ.

އައްސޭރި ޖަލުގެ އޮފީސް އިމާރާތް ސީޕީ ހުޅުއްވައި ދެއްވަނީ ---

އާ އޮފީސް އިމާރާތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ހުޝާމް ވިދާޅުވީ، މިއަދު ހުޅުވި އައްސޭރި ޖަލުގެ އޮފީސް އިމާރާތުގެ ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ އެ ޖަލުގައި ބަންދުގައި ތިބި ގައިދީންނާއި އެ ޖަލުގައި މަސައްކަތް ކުރާ އޮފިސަރުން ކަމަށެވެ.

"އިރާދަކުރެއްވީތީ މިއަދު މި ހުޅުވާ އޮފީހުގެ އެއްވެސް މަސައްކަތަކީ ކޮންޓްރެކްޓު އުސޫލުން ދޫކޮށްގެން ކޮންޓްރެކްޓަރުންނަށް ފައިސާ ދީގެން ދައުލަތުގެ ބަޖެޓުން ކޮށްފައި ހުރި މަސައްކަތެއް ނޫން،" ހުޝާމަ ވިދާޅުވި އެވެ.

އައްސޭރި ޖަލުގެ ފެން ޕްލާންޓު ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން ---

އޭނާ ވިދާޅުވީ، ޖަލުގައި ތިބި ގައިދީންނާއި މަސައްކަތް ކުރާ އޮފިސަރުންނަށް ކޮންޓްރެކްޓް އުސޫލުން ފެން ސަޕްލައި ކޮށްދޭތާ އަހަރެއް ވެއްޖެ ކަމަށެވެ. އެހެންނަމަވެސް މިއަދު ހުޅުވި ފެން ޕްލާންޓްގެ ސަބަބުން އެކަމަށް ލުއި ކަމެއް ލިބިގެން ހިނގައްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްސޭރި ޖަލުގެ އޮފީސް އިމާރާތާއި ފެން ޕްލާންޓް، އަދި އާސަންދަ ހިދުމަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން ---

މިއަދުގެ ރަސްމިއްޔާތުގައި ވަނީ، އައްސޭރި ޖަލުގެ މަސައްކަތް ކޮށްދެއްވި އޮފިސަރުންނާއި ގައިދީންނަށް އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުން ވެސް ހަވާލުކޮށްފަ އެވެ.

އަދި ޖަލުތަކުގައި ތިބި ގައިދީން ކޮށްފައިވާ ބައެއް މަސައްކަތްތައް ވެސް މިއަދު ވަނީ ނޫސްވެރިންނަށް ދައްކާލައިފަ އެވެ.