މާލޭގެ ހުޅަނގު ފަރާތުގައި ހަދާ އާޓިފިޝަލް ބީޗު އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވާއިރު އެތަނުގައި ބާބަކިޔު އޭރިއާއެއް ހުންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ ހުޅަނގުފަރާތުގައި އާޓިފިޝަލް ބީޗު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލެއްވުމަށްފަހު މިއަދު ހަވީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އެތަނުގައި ބާބަކިޔު ސަރަހައްދެއްގެ އިތުރުން ދެ ފިޝިންގ ޕްލެޓްފޯމަކާއި ފެން ވެރޭ ގޮތަށް ފާޚާނާ ބަރިއެއް ވެސް ގާއިމްކުރެވޭނެ ކަމަށެވެ.

"މާލޭގައި އަދި ނެތް ބާބަކިއު ހެދޭގޮތަށް ސަރަހައްދެއް. ބީޗުގެ އުތުރު ފަރާތުގައި ހިމެނިފައި ވާނެ ބާބަކިއު ހެދޭގޮތަށް ތައްޔާރު ކުރެވިފައިވާ ސަރަހައްދެއް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިހާރު ކުރިއަށްދަނީ އެ ސަރަހައްދަށް ވެލިއެޅުމުގެ މަސައްކަތް ކަމަށާއި ބޭރު ތޮށިޖެހުމުގެ ބޮޑު ބައެއްވެސް ނިންމާލެވިފައިވާ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

"ދެން އެންމެ ބާޖެއްގެ ހިލަ އައީމަ ބޭރު ތޮށީގެ މަސައްކަތް އެއްކޮށް ނިމޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ ހުޅަނގު ފަރާތުގައި ހަދާ އާޓީފިޝަލް ބީޗްގެ މަސައްކަތް މިނިސްޓަރު މުއިއްޒު ބައްލަވާލައްވަނީ -- ސަން ފޮޓޯ: އަލީ ނަސީރު

އާޓިފިޝަލް ބީޗުގެ މަސައްކަތް ނިމޭއިރު އެ ސަރަހައްދުގެ ވަށައިގެންވާ މަގުވެސް ރަނގަޅު ފެންވަރަކަށް ހެދިގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ކުރީގަ އޮތް މަގުގެ ބަދަލުގައި ވަރަށް ރީތިކޮށް ހެދިފައިވާ އާ މަގެއް. މަގުގައި ގާ އެތުރުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް އެބަދޭ،" މުއިއްޒު ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރު ޑރ. މުއިއްޒު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: އަލީ ނަސީރު

މިނިސްޓަރު ވިދާޅުވީ އެ އާޓިފިޝަލް ބީޗު ހުޅުވާއިރު، އެ ސަރަހައްދުގެ މޫދަށް ބޮޑު ބައެއް ހިމަނާފައި ހަދާ ޕެވީލިއަންގެ މަސައްކަތާއި އެއާ ގުޅުވާފައިވާ އޯވާހެޑް ބްރިޖުގެ މަސައްކަތް ނުނިމޭނެ ކަމަށެވެ. ސަބަބަކީ އެ މަސައްކަތްތައް ނިންމަން ފަސް ވަރަކަށް މަސް ނަގާނެތީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެއީ ވަރަށް ތަފާތު މަސައްކަތެއް. އޭގަ ތިރީގައި ފާޚާނާ ތަކާއި ޝަވަރު ތަކާއި މަދާ ކެއާ ބޭބީ އޭރިއާތައް ހިމެނޭނެ. އަދި ރެސްޓޯރަންޓެއްވެސް ހިމެނޭނެ. ދެން އެ ޕެވީލިއަންގެ މަތީ ބަޔާ ގުޅުވާލެވިފައިވާ މަގު ހުރަސްކޮށް އަންނަ އޯވަހެޑް ބްރިޖެއްގެ މަސައްކަތްވެސް ހިމެނޭ." މިނިސްޓަރު ވިދާޅުވިއެވެ.

މާލޭގެ ހުޅަނގު ފަރާތުގައި ހަދާ އާޓީފިޝަލް ބީޗުގެ މަސައްކަތް ކުރިއަށް ދަނީ: ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި -- ސަން ފޮޓޯ: އަލީ ނަސީރު

އެސަރަހައްދުގައި ގަސް އިންދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.

އެ އާޓިފިޝަލް ބީޗު ހެދުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގައެވެ.

އެސަރަހައްދުގެ 4623 އަކަ މީޓަރުގެ ސަރަހައްދެން ތިން މީޓަރަށް ފުން ކުރުމާއި 2547 އަކަ މީޓަރުގެ ގޮނޑުދޮށެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 41.5 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.