23 Dec 2015, 19:49
ތިން ރުއް ޕާކު ތަރައްގީ ކުރުމަށް ކުރިއަށް ދާ މަސައްކަތް ނިމުމުން، އެ ސަރަހައްދުގައި މިހާރު ކުނި އުފުލުމުގެ މަސައްކަތް ކުރާ ބާޖުތައް އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތިން ރުއް ޕާކުގެ މަސައްކަތް ކުރިއަށްދާ ގޮތް މީޑިއާއަށް ހިއްސާ ކުރައްވަމުން މުއިއްޒު ވިދާޅުވީ ސުނާމީ ބިނާ ބަދަލުކޮށް ތަރައްގީ ކުރާ ޕާކަކީ އާންމުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ހިތްގައިމު މައިޒާނަކަށް ވެގެންދާނެ ކަމަށެވެ.
ނަމަވެސް މިވަގުތު އެސަރަހައްދުގައި ކުނި ބާޖުތައް ކުނި އުފުލަމުން ގެންދާާތީ، އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މި ސަރަހައްދުގައި އެބަ ހިނގާ ނުގުޅޭ މަސައްކަތެއް. އެކަމަށް ދާއިމީ ހައްލެއް އޮތީ ފަޅު ތެރެއިން ބޮޑު ބައެއް ހިއްކައިގެން ވޭސްޓް ޔާޑް އެއް ގާއިމު ކުރުމާ އެކީ އެހެނިހެންވެސް ކަންކަން ހިމެނޭ ގޮތަށް ބޮޑު ޕްރޮޖެކްޓެއް އެބަ އޮތް ބަޖެޓުގައި ހިމަނާފައި،" މުއިޒު ވިދާޅުވިއެވެ.
ތިން ރުއް ޕާކް ސަރަހައްދުގެ މަސައްކަތް ދާގޮތާ ގުޅިގެން މިނިސްޓަރ މުއިއްޒު މީޑިއާއަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: އަލީ ނަސީރު
މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ނިންމާލެވޭނީ 2016 ވަނަ އަހަރު ކަމަށާއި، މަސައްކަތް ނިމުމާއެކު ބާޖުތައް އެހެން ސަރަހައްދަކަށް ބަދަލު ކުރެވިގެން ދާނެ ކަމަށެވެ.
ޕާކު ހުޅުވިގެންދާއިރު ކުނީގެ މައްސަލައަށް ހައްލެއް ނުލިބުނު ނަމަވެސް ވަގުތީ ހައްލެއް ލިބޭތޯ ބަލާނެ ކަމަށާއި ކަމާގުޅޭ ފަރާތްތަކާ އެކު އެ މަސައްކަތް ކުރަމުން އަންނަ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޕާކު ތަރައްގީކޮށް ނިމުމުން އެސަރަހައްދަށް އާންމުންނަށް ވަދެވޭނީ ހިނގާފައެވެ. ނަމަވެސް ޕާކް ކުރުމަށް ޚާއްސަ ޒޯނެއް ހަމަޖައްސާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަންނަ ޖެނުއަރީ މަހުގެ މެދެއްހާ ތަނުގައި ޕާކު ތަރައްގީކޮށް ނިންމާލެވޭނެ ކަމަށާއި މިހާރު ކުރިއަށްދަނީ އެ ސަރަހައްދުގެ ތޮށިގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.
"މި ސަރަހައްދަކީ ވަރަށް ބޮޑަށް ހަލާކުވެ ނުރައްކާ ގޮތަކަށް އޮތް ސަރަހައްދެއް. ކޮންމެ ފަދަ ވަގުތެއްގައިވެސް އަޑިއަށް ގޮސް މޫދަށް ފައިބައިގެން ގޮސްދާނެ ގޮތަކަށް އޮތް ތަނެއް. އެހެންވީމާ ތޮޅިގަނޑު އެއްކޮށް ނަގައި އަލުން ރަނގަޅު ފެންވަރަކަށް ތޮށިގަނޑު ޖަހައި މުޅި ސަރަހައްދު މި ހަދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ތިން ރުއް ޕާކު ސަރަހައްދުގެ މަސައްކަތް ދާގޮތް މިނިސްޓަރު މުއިއްޒު ބައްލަވާލައްވަނީ -- ސަން ފޮޓޯ: އަލީ ނަސީރު
އެ ސަރަހައްދުގައި ސުނާމީ ބިނާ ބެހެއްޓިޔަސް އޭގެމުހިންމުކަން ގެއްލިގެންނުދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މިއީ ރާއްޖޭގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ ވަރަށް މުހިންމު ބިނާއެއް. އޭގެ މުހިންމުކަން ގެއްލޭ ނަމެއް އަޅުގަނޑުމެން ނުކިޔާނަން،" މިނިސްޓަރ ވިދާޅުވިއެވެ.
ސުނާމީ ބިނާ ތިން ރުއް ޕާކް ސަރަހައްދުގައި ބަހައްޓާ އިރު އެބިނާ ވެސް ދިއްލާފައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސުނާމީ ބިނާ އެހެން ސަރަހައްދަކަށް ބަދަލުކުރަނީ މާލެ - ހުޅުލެ ބްރިޖު މާލެއާ ގުޅިވައިދޭ ސަރަހައްދަކީ މާލޭ އިރު ދެކުނު ފަރާތު ކަމަށްވާތީ އެވެ. ބްރިޖު އަޅަނީ ހުޅުލޭ ދެކުނު ފަރާތުން ރަންވޭ ކޮޅުން ފެށިގެން މާލޭ އިރު ދެކުނު ފަރާތަށެވެ.