Last Updated: 10 year 11 month ago

ފަހު ވަގުތު ލަންކާއިން ލަނޑު ޖަހައި މޮޅަށް ކުޅުނު ނޭޕާލް ބަލިކޮށްފި.
ސާފް ސުޒުކީ ކަޕްގައި މިއަދު ކުޅުނު ފުރަތަމަ މެޗްގައި ފަހު ވަގުތު ސްރީ ލަންކާއިން ކާމިޔާބު ކުރި ލަނޑާއެކު 0-1 ގެ ނަތީޖާއަކުން ނޭޕާލުގެ މައްޗަށް ކުރި ހޯދައިފިއެވެ.
އިންޑިއާގެ ޓްރެވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމް ގައި މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް ނޭޕާލް ޓީމުން ވަނީ އުފައްދާފައެވެ.
ޒުވާން ގިނަ ކުޅުންތެރިން ތަކަކާ އެކު ނުކުތް ނޭޕާލް ޓީމަށް ފުރަތަމަ ހާފްގައި ލަނޑުޖާހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުގެން ގޮސްފައި ވަނީ އެ ޓީމްގެ ހަލުވި ފޯވާޑް ރަންޖީތު ދިމާލަށެވެ. އެ ގޮތުން ނޭޕާލުގެ ކުޅުންތެރިއަކު ގޯލް ކުރިމަށްޗަށް ހުރަސް ކޮށްލި ބޯޅަ ލަންކާގެ ކުޅުންތެރިއެއްގެ ބޯ މަތިން ގޮސް ލިބުނީ ހުސްކޮށް ހުރި ރަންޖީތު އަށެވެ. ނަމަވެސް ރަންޖީތު ފޮނުވާލި އެ ބޯޅަ ލަންކާގެ ކީޕަރު ސޫޖަން ޕެރޭރާ ވަނީ ހުށިޔާރު ކަމާ އެކު ދިފާއު ކޮށްފައެވެ.
ފުރަތަމަ ހާފްގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް ނޭޕާލުން އުފެއްދި ނަމަވެސް އެ ހުރިހާ ހަމަލާތަކެއް ވެސް ވަނީ ރާއްޖޭގެ އީގަލްސް އަށް ކުޅޭ ލަންކާ ކީޕަރު ސޫޖަން ޕެރޭރާ ދިފާއު ކޮށްފައެވެ.
ފުރަތަމަ ހާފްގައި ނޭޕާލު ގޯލަށް އެންމެ ބޯޅައެއް އަމާޒު ކޮށްލެވުނު ލަންކާ އިން ދެވަނަ ހާފް ފެށިގެން އެމީހުންގެ ކުޅުން މަޑުމަޑުން ރަނގަޅު ކުރަމުން ގޭމުގެ ތެރެއަށް ވަންނަން މަސަތްކަތް ކުރި ނަމަވެސް ނޭޕާލުން ވަނީ ދެ ވަނަ ހާފަގައި ވެސް ބޮޑުބައި ކޮންޓްރޯލް ކޮށްގެން ކުޅެފައެވެ.
ނަމަވެސް ނޭޕާލުން އުފެއްދި ހުރިހާ ހަމަލާތަކެއްގެ ހުރަހަކަށް ސޫޖަން ޕެރޭރާވެ އެ ޓީމަށް ވަނީ ލަންކާ ގޯލް ފޫއަޅުވާލަން ނުކުޅެދިފައެވެ.
މެޗްގެ 90 މިނެޓް ހަމަވި އިރުވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާ އިރު މެޗްގެ ނަތީޖާ ލަންކާ ކޮޅަށް އެނބުރިގެން ދިޔައީ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގެ ފަސް މިނެޓް ތެރޭގައި ލަންކާ ޓީމުން ޖެހި ލަނޑާއެކެއެވެ.
އެ ގޯލް މެޗް ނިމެން މިނެޓް ކޮޅަކަށް ވެފައި ވަނިކޮށް ލާންކާއިން ކާމިޔާބު ކުރީ އެޓީމުގެ ކުޅުންތެރިއަކު ގޯލް ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ނޭޕާލްގެ ކުޅުންތެރިންނަށް ދިފާއު ނުކުރެވި އެ ޓީމުގެ ތިން ކުޅުންތެރިންގެ ތެރޭގައި ހުރި ލަންކާގެ ޒުވާން ފޯވާޑް މުހައްމަދު ރިފްނާސް ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.
މިރޭގެ މެޗު ކާމިޔާބު ކުރުމާއި އެކު ތިން ޕޮއިންޓާ އެކު ލަންކާ ގުރޫޕް އޭގެ އެއް ވަނާގައި އޮތް އިރު ބަލިވި ނޭޕާލް އޮތީ ބައިކޮޅަށް ވަތް ގޯލާ އެކު ތިން ޓީމް ހިމެނޭ އެ ގުރޫޕްގެ ދެ ވަނާގައެވެ. އެއް މެޗް ވެސް ކުޅެފައި ނުވާ އިންޑިއާ އޮތީ ދެވަނާގައެވެ.
މުބާރާތުގައި މާދަމާ ކުޅެވޭނީ ގުރޫޕް ބީގެ ދެ މެޗެވެ. އެ ގޮތުން ފުރަތަމަ މެޗްގައި ރާއްޖޭ ގަޑިން ތިނެއް ޖަހާއިރު ބޫޓާނާ ދެ ކޮޅަށް ރާއްޖެ ނިކުންނައިރު ދެވަނަ މެޗްގައި ހަވީރު 6:00 ގައި އެންމެ ފަހުގެ ޗެމްޕިއަން އަފްޣާނިސްތާނާ ދެކޮޅަށް ނިކުންނާނީ ބަނގުލަދޭޝް އެވެ.



