ބައިކް އޮފް ދަ އިއާ ކަމުގައި ޔަމަހާ ބްރޭންޑްގެ މޮޓޯސައިކަލް "އެން މެކްސް" އެލިއާ އިން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ތިން ކުލައަކަށް އުފައްދާފައިވާ، 150 ސީސީގެ އެ ސައިކަލު ރާއްޖެއަށް ތައާރަފްކުރީ މިއަދު ހަވީރު އާޓިފިޝަލް ބީޗްގައި އެލިއާ އިން ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތެއްގައެވެ.

އެ ސައިކަލަކީ އެންޓިލޮކް ބްރޭކިން ސިސްޓަމް (އޭބީއެސް) އޮޓޯ ސައިކަލެއްގައި ހިމަނައިގެން އުފައްދާފައިވާ ފުރަތަމަ ސައިކަލެވެ. އެހެންކަމުން އެ ސައިކަލަށް ދުނިޔޭގެ މާކެޓްގައި ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

އޭގެ އިތުރުން އެ ސައިކަލަކީ ފުރަތަމަ ފަހަރަށް ސައިކަލެއްގައި ވޭރިއަބުލް ވޭލްސް އެކްޗުއޭޝަން ނުވަތަ ވީވީއޭ ހިމަނާފައިވާ ސައިކަލެވެ. އެ ސައިކަލަކީ ބެލެންސް ރަނގަޅު ދުއްވާލަން ފަސޭހަ ސައިކަލެކެވެ.

އެ ސައިކަލާ އެކު އެ ކުންފުނިން މިއަހަރު އަލަށް ތައާރަފްކުރި ސުޓްރީޓް ކިންގުގެ ނަމުން މަޝްހޫރުވެފައިވާ އެމް އެކްސް ކިންގް އަދި ސޯލް ޖީޓީ ފަދަ މޮޑެލްތައް ވެސް ވަނީ ދައްކާލާފަ އެވެ.

އެލިއާ އިން ދަނީ އެ ކުންފުނިން ވިއްކާ ޔަމަހާ ސައިކަލުތަކަށް ޚާއްސަކޮށް ޕްރޮމޯޝަންތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި އަންނަ ޖެނުއަރީ މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ "ޑައުންޕޭމަންޓް އެއްރުފިޔާ" ގެ ސައިކަލް ޕްރޮމޯޝަން ހިމެނެ އެވެ. އެއީ ޑައުންޕޭމަންޓަށް އެއްރުފިޔާ ދެއްކުމުން ބާކީ ހުރި ފައިސާ 36 މަހަށް ބަހާލައިގެން ކުރިއަށް ގެންދެވޭ ސްކީމެކެވެ.

ސައިކަލު ދައްކާލުމުގެ ޚާއްސަ އިވެންޓެއް އާޓިފިޝަލް ބީޗްު ސަރަހައްދުގައި އެލިއާ އިން އަންނަ ޖެނުއަރީ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެ އެވެ.