23 Dec 2015, 19:36
މި ސީޒަނުގައި އަސެނަލް އޮތީ ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށް އާސެނަލްގެ ކީޕަރު ޕީޓާ ޗެކް ބުނެފިއެވެ.
ބީބީސީ ރޭޑިއޯއަށް ދިން އިންޓަވިއު އެއްގައި މިސީޒަނުގައި އާސެނަލްއާ ގުޅުނު ތަޖުރިބާކާރު ކީޕަރު ޗެކް ބުނީ އެޓީމުގައި މިހާރު އޮތީ ވަރަށް ރަނގަޅު ސްކޮޑެއް ކަމަށެވެ. އަދި ގިނަ ކުޅުންތެރިން ތިބީ ވަރަށް ފިޓުކޮށް ކަމަށް ވެސް އޭނާ ބުންޏެވެ.
"ވަރުގަދަ ސްކޮޑެއް މިއޮތީ. މުހިންމު ގިނަ ކުޅުންތެރިން ވެސް ފިޓް ކޮށް ތިބުމާ އެކު ކޯޗަށް ފަސޭހަ ވެގެން ދާނެ އޭނަ ބޭނުންވާ ކުޅުންތެރިއަކު ސެލެކްޓް ކުރަން. އެ ހުރިހާ ކަމެއް ފުރިހަމަ ވުމުން މި ސީޒަނުގެ ލީގް އަހަރެމެންނަށް ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު،" އުމުރުން 33 އަހަރުގެ ޗެކް ބުންޏެވެ.
ޗެކް އެހެން ބުނިނަމަވެސް އާސެނަލް ގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް މިވަގުތު ތިބީ އިންޖަރީގައެވެ. އެގޮތުން އެޓީމުގެ ފޯވާޑު ޖެކް ވިލްޝެއާ އާއި މިޑްފީލްޑަރު ފްރިޗިސް ކޮކުއެލިން އާއި މިކެލް އާޓެޓާ އާއި ތޯމަސް ރޮސިސްކީ އާއި ސެންޓި ކަޒޯލާ އަދި ފޯވާޑު ޑެނީ ވެލްބެކާ ހުރީ އަނިޔާގައެވެ. ނަމަވެސް އެ ޓީމުން އެންމެ ފަހުން ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
"ސީޒަނުގެ މިހާ ހިސާބަށް އައިސް ދެވަނާގައި ޓީމް އޮތް އިރު ތަފާތު މައްސަލަ ތަކާ ވެސް ކުރިމަތިލާން ޖެހުނު. އަހަރެމެން އެންމެ ބޭނުންވާ ގޮތަކަށް ނޫން ކަންތައްތައް ވަމުން މިދަނީ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ މައްސަލަ. ނަމަވެސް އެކަން ވެސް ހައްލުކުރުމުން މިހާ ހިސާބަށް އައިސްފައި މިވަނީ،" ޗެކް ބުންޏެވެ.
އެންމެ ފަހުން ލީގުގައި ވާދަވެރި މެންޗެސްޓާ ސިޓީ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެ އާސެނަލް ވަނީ ލީގުގެ ދެ ވަނައިގައި ހަމަޖެހިލައިފަ އެވެ. އާސެނަލަށް 17 މެޗުން 36 ޕޮއިންޓު ލިބިފައިވާއިރު، ސިޓީ ތިން ވަނައިގައި އޮތީ 17 މެޗުން 32 ޕޮއިންޓު ލިބިގެންނެވެ. އެއް ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 17 މެޗުން ލިބުނީ 38 ޕޮއިންޓެވެ.
މި އަހަރުގެ ލީގު އާސެނަލުން ކާމިޔާބުކޮށްފިނަމަ ޗެކް ވެގެންދާނީ ޖެހިޖެހިގެން ދެ އަހަރު، ދެ ޓީމެއްގައި ލީގު އުފުލާލާނެ ކުޅުންތެރި އަކަށެވެ. މި ސީޒަނުގައި ޗެލްސީއިން 10 މިލިއަން ޕައުންޑަށް އާސެނަލް އަށް ބަދަލުވުމުގެ ކުރިން ޗެކް ވަނީ ޗެލްސީއާ އެކު ޕްރިމިއާ ލީގްގެ އިތުރުން ލީގް ކަޕް ވެސް އުފުލާލާފައެވެ.
" މި ސީޒަންގައި އަދި އެބަހުރު ވަރަށް ގިނަ މެޗްތަކެއް ކޮންމެ ފަދަ ގޮތެއްވެސް ވެދާނެ ނަމަވެސް މިހާރު މި ދައްކަމުން އަންނަ ކުޅުން ދައްކައިގެން މާޗް ނުވަތަ އޭޕްރީލް މަހާ ހަމައަށް ދެމިތިބެ ވެއްޖެނަމަ ލީގު ހޯދުމުގެ ފުރުސަތު ވަރަށް ބޮޑުވެގެން ދާނެ،" އިންޓަވިއު ނިއްމާލަމުން ޗެކް ބުންޏެވެ.