23 Dec 2015, 16:19
ބުރުނާއީގައި ކްރިސްމަސް ފާހަގަ ކުރާ މުސްލިމުންނަށް ފަސް އަހަރުގެ ޖަލު ހުކުމް ލިބޭނެ ކަމަށް އެގައުމުގެ ސުލްތާން، ހަސަން އަލް ބޮލްކިއާ އަންގަވައިފި އެވެ.
އިސްލާމް ދީން ނޫން އެހެން ދީންތައް ބުރުނާއީގައި ފެތުރުން ކުޑަކުރުމުގެ ގޮތުން އެގައުމުގެ އާއްމުން އެއްވެ އުޅޭ ތަންތަނުގައި ކްރިސްމަސް ފާހަގަ ކުރުން ވަނީ މަނާކޮށްފަ އެވެ. އެގޮތުން، ކްރިސްމަސް ފާހަގަ ކުރުމުގެ ގޮތުން ކުރުން މަނާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކްރިސްމަސް ޓްރީ ބެހެއްޓުމާއި، ކްރިސްޓިއަން ލަވަ ކިޔުމާއި، ކްރިސްމަސްއާ ގުޅޭގޮތައް ހެދުން އެޅުމާއި ޒީނަތްތެރިކުރުމެވެ.
"އެ ކަންތައްތައް މަނާކޮށްފައި ވަނީ މުސްލިމް މުޖްތަމައުގެ އަގީދާ އަށް ގެއްލުން ވެދާނެ ގޮތަށް ކްރިސްމަސް ފާހަގަ ކުރުން ހުއްޓުވުމަށް،" ބުރުނާއީގެ މިނިސްޓްރީ އޮފް ރިލިޖިއަސް އެފެއާޒް އިން ނެރުނު ބަޔާނެއްގައިވެ އެވެ.
ބުރުނާއީގައި ދިރިއުޅޭ މުސްލިމު ނޫން ފަރާތްތަކުން ކްރިސްމަސް ފާހަގަ ކުރުމުގެ ކުރިން ކަމާ ބެހޭ ފަރާތްތަކަށް އަންގަން ޖެހެ އެވެ. އަދި ކްރިސްމަސް ފާހަގަ ކުރެވޭނީ ކްރިސްޓިއަން މުޖުތަމައުތަކުގައި އެކަނި އެވެ.
ބުރުނާއީ އަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅު، ހިލޭ ސިއްހީ ފަރުވާއާއި ތައުލީމު ފޯރުކޮށްދޭ، މުސްލިމުންގެ އާބާދީ 65 ޕަސެންޓަށް އަރާ ގައުމެކެވެ. (ޓެލެގްރާޕް)