23 Dec 2015, 16:16
އެކްސްޕޯ މޯލްޑިވްސް 2015 ނުވަތަ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުން އެއްވަނަ ހާސިލްކޮށް، ސަރުކާރުންދޭ އެސްއެމްއީ ލޯނު، ހެންވޭރު ނީލްވިލާ ލުބުނާ މުހައްމަދު ޒާހިރު ހުސައިން ހާސިލްކޮށްފި އެވެ.
ލުބުނާ އެ ލޯނު ހާސިލްކޮށް މުބާރާތުގެ އެއްވަނަ ހޯދީ ފެންވަރައި ރީތިވުމަށް ބޭނުންވާ ތަކެތި އުފެއްދުމުގެ ދާއިރާއިންނެވެ.
އެކްސްޕޯ މޯލްޑިވްސް 2015ގެ ތަފާތު ގިންތިތަކުން އެއް ވަނަ ހަތް ފަރާތަކުން ހާސިލްކޮށްފައިވެ އެވެ. އެގޮތުން މުބާރާތުން އެއް ވަނަ ހާސިލުކޮށް އެސްއެމްއީ ލޯން ލުބްނާ ހާސިލް ކުރި އިރު ލަކުޑިން ތަކެތި އުދެއްދުމުގެ ބައިން އެއްވަނަ ހާސިލްކޮށް އެސްއެމްއީ ލޯނު ހާސިލްކުރީ ބ.ތުޅާދޫ، ހިންމަތް، މުހައްމަދު މާހިރެވެ.
އޭގެ އިތުރުން ބޫޓާއި ދަބަސް ފަދަ ތަކެތި އުފެއްދުމުގެ މުބާރާތުން އެއްވަނަ ހާސިލްކޮށް އެސްއެމްއީ ލޯން ލިބިފައިވަނީ މއ. ނޫމަސް މޫސާ ޝިޔާމެވެ. ލާޖެހިތަކެތި އުފެއްދުމުގެ ބައިން މުބާރާތުން އެއްވަނަ ހާސިލްކޮށްފައި ވަނީ ބ.ތުޅާދޫ ރިޔާޒު އަބްދުލް އަޒީޒް އަބްދުއްރަހީމެވެ.
ކަނޑާނެގުން ނުވަތަ ކާވިންގެ ބައިން މުބާރާތުން އެއްވަނަ މާލެ، ގާތުހިރި، މުޙައްމަދު އިމްރާން ހޯދި އިރު ލަނގިރި ޖެހުމާއި ބަނޑިޔާ ޖެހުމުން މައުރަޒުން އެއް ވަނަ ހާސިލްކުރީ ވ.ފުލިދޫ ބްލޫ ސްޓާއެވެ.
ދިވެހިރާއްޖެ ރަމްޒުކޮށްދޭ ސުވެނިއާ ތަކެތި އުފެއްދުމުން މައުރަޒުން އެއްވަނަ ރ.މީދޫ ހުވަނދުމާގޭ އަބްދުއްރަޝީދު އަލިފުޅު ހާސިލްކުރި އިރު ކަސަބުން ތަކެތި އުފެއްދުމުގެ ބައިން މައުރަޒުން އެއްވަނަ ހާސިލްކުރީ މަރިޔަމް ހާލިދާ އެވެ.
އެކްސްޕޯ މޯލްޑިވްސް 2015ގެ އެއްވަނަ ހާސިލްކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން ގިންތިތަކުން ދެވަނަ 22 ފަރާތަކުން މައުރަޒުގެ ގިންތިތަކުން ތިންވަނަ 17 ފަރާތަކުން ހާސިލްކުރި އެވެ.