އދ. މަޖިލިސް (ޑިސެމްބަރ 23) : ޔަމަންގައި ހިނގަމުންދާ ހަނގުރާމައިގާ ފާއިތުވި ނުވަ މަސް ތެރޭގައި އާންމުންގެ 5000 މީހުން މަރުވެފައިވާ ކަމަށާއި އެ މީހުންގެ ތެރެއިން ގިނަމީހުންގެ މަރުގެ ޒިންމާ އުފުލަންޖެހޭނީ ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެފައިވާ އަރަބި އެލަޔަންސް ކަމަށް އދ. ން ބުނެފި އެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ހައިކޮމިޝަނަރު ޒައިދުބިން ރައްދުލްޙުސައިން ވިދާޅުވީ ޔަމަންގެ ހޮސްޕިޓަލްތަކާއި އެއަޕޯޓްތަކާއި ސްކޫލްތަކާއި ސަރުކާރުގެ އިމާރާތްތަކާ އަދި އާންމުންގެ ގެދޮރުފަދަ މަދަނީ އިންފްރާސްޓްރަކްޗާ އަށް ބޮންއަޅައި ހަލާކުކޮށް އަދި އާންމުންގެ ގިނަ ބަޔަކު މަރާފައިވަނީ އެގައުމުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެފައިވާ އަރަބި ލަޝްކަރު (އަރަބި އެލަޔަންސް) އިން ކަމުގަ އެވެ. ނަމަވެސް ޔަމަންގެ އިދިކޮޅު ޙޫޘީ ޖަމާއަތުން ވެސް އާންމު ތަންތަނަށާއި މަދަނީ އިންފްރާސްޓްރަކްޗާ އަށް ހަމަލާދީ އާންމުން މަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އުފައްދާފައިވާ އަރަބި އެލަޔަންސްގައި ހިމެނޭ މައިގަނޑު ތިން ގައުމަކީ ސައޫދީގެ އިތުރުން ގަތަރާއި ޔޫއޭއީ އެވެ. ނަމަވެސް ސޫދާނާއި މިސްރާއި އުރުދުން ވެސް އަރަބި އެލަޔަންސްގައި ހިމެނޭކަމަށް ސައޫދީ ސަރުކާރުން ބުނެއެވެ.

ޔަމަންގެ ހަނގުރާމައިގާ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަނީ އެގައުމުގެ ކުރީގެ ރައީސް އަލީއަބްދުﷲ ސާލިހްގެ ބާރުތަކާއި އީރާނުގެ ތާއީދު ލިބިފައިވާ ޝިޔައީ ޖަމާއަތެއްކަމަށްވާ ޙޫޘީ ޖަމާއަތުންނެވެ.
އަބްދުރައްބު މަންސޫރު ހާދީގެ ސަރުކާރު ހިމާޔަތް ކުރުމަށް މަސައްކަތް ކުރަނީ އެސަރުކާރަށް ތާއީދުކުރާ ސައޫދީ އަރަބިޔާއިންނެވެ. ހާދީގެ ސަރުކާރު ވެއްޓުމުން ސަލާމަތް ކުރުމަށްޓަކައި ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ގަލްފުގެ ބައެއް ގައުމުތައް ހިމަނައިގެ އަރަބި އެލަޔަންސެއް ހަދައިގެން ޔަމަނަށް ބޮންއަޅަންފެށީގެ މިއަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. ހަ މަސްވަންދެން ސައޫދީއާއި ގަތަރާއި ޔޫއޭއީ އިން، އެމެރިކާގައި އުފައްދާފައިވާ ޒަމާނީ ފައިޓަރޖެޓްތަކުން ޔަމަނަށް ބޮންއަޅަމުން ގެންދިޔައިރު އަލީއަބްދުﷲ ސާލިހްގެ ބާރުތަކާއި ޙޫޘީ ޖަމާއަތުން އަރަބި އެލަޔަންސާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދިޔައީ ވަރަށް އާދައިގެ ހަތިޔާރުންނެވެ. މިހަނގުރާމައިގާ ޔަމަންގެ ސިފައިންގެ ލަޝްކަރުތައް ހަނގުރާމަ ކުރަމުން ގެންދަނީ އަލީ އަބްދުﷲ ސާލިޙްގެ ބާރުތަކާ ގުޅިގެންނެވެ.
ހަ މަސްވަންދެން ޔަމަނަށް ބޮންއެޅުމުގެ ސަބަބުން ހޫޘީންނާއި ސާލިހްގެ ބާރުތައް ކޮންމެވެސް ވަރަކަށް ބަލިވެގެން ދިޔުމުން އަރަބި ލަޝްކަރުތަކުގެ ސިފައިން މީގެ ތިންމަސްކުރިންވަނީ އެއްގަމު މަގުންވަދެ ބިންމަތީގެ ހަނގުރާމަ ފަށާފައެވެ. މިއާއެކު ޔަމަންގެ ރައީސް އަބްދުރައްބުމަންސޫރު ހާދީ އާއި އޭނާގެ ކެބިނެޓްގެ ވަޒީރުންވަނީ އެނބުރި ޔަމަނަށް ވަޑައިގެންފައެވެ. ނަމަވެސް އަރަބި ލަޝްކަރަށް ޔަމަންގެ ހަނގުރާމަ މުޅިން ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި ހޫޘީންގެ އަތްދަށުން ވެރިރަށް ސަންއާވެސް މިނިވަން ކުރެވިފައެއް ވެސް ނުވެއެވެ.
ޔަމަންގެ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ބޮޑުބައި ވަނީ މުޅިން ހަލާކުވެ ފުނޑުފުނޑުވެފައެވެ. ހަނގުރާމައިގާ އާންމުންގެ 5 ހާސް މީހުންމަރުވެފައިވާއިރު 30 ހާހަށްވުރެ ގިނަމީހުންޒަޚަމްވެ އެތަށް ސަތޭކަ ބަޔަކުވަނީ އަތްފައިބުރިވެ ނުކުޅެދޭމީހުންނަށް ވެފައެވެ. އަދި ޔަމަންގެ ބޮޑުބައެއްގައި ވަނީ ހައިހޫނުކަން ފެތުރިފައެވެ. (ނޫސްއެޖެންސީތައް)