ފިނޭންސް މިނިސްޓްރީގެ މުހިއްމު ސެކްޝަންތަކެއް އުވާލައްވައި 75 މުވައްޒަފަކު އެ މިނިސްޓްރީގެ ވަޒީފާތަކުން ކުއްލިގޮތަކަށް ވަކިކުރުމަށް ނިންމުމުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އުފެދުމުގެ ކުރިން ކަންކަން އޮތް ގޮތަށް ބަދަލުވެގެންދާ ކަމުގެ ބިރު ފެންނަން ފަށާފައި ވާކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީން ފިނޭންސް މިނިސްޓްރީގެ 75 މުވައްޒަފަކު އެ މިނިސްޓްރީގެ ވަޒީފާތަކުން ކުއްލިގޮތަކަށް ވަކި ކުރުމަށް ނިންމެވުމަކީ ސިވިލް ސާވިސް ކޮމިޝަނަށް ޤާނޫނީ ގޮތުން މަތިކުރެވިފައިވާ މަސްއޫލިއްޔަތެއްގެ ތެރެއަށް ގާނޫނާ ހިލާފަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގަތުން ކަމުގައި ދެކޭ ކަމަށެވެ.

ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ރައީސް ޢަބްދުﷲ ޔާމިން ހަރުކަށި ބަސްފުޅު ރައްދު ކުރައްވައި، ސިވިލް ސާވިސްގެ ވަޒީފާތަކަކީ އެމަނިކުފާނު ދެއްވާ އެއްޗެއްގެ ގޮތުގައި ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފައިވާ ކަމަށާއި، އެކަމާ މެދު އެ ޕާޓީން ކަންބޮޑުވާ ކަމަށް ބަޔާނުގައިވެ އެވެ.

"އަދި ޝަރުތު ހަމަވެގެން ސިވިލް ސާވިސްގެ ވަޒީފާ ލިބި އެ ވަޒީފާތަކުގައި ދެމިތިބި މުވައްޒަފުން ކަމުގައި ވިޔަސް އެވަޒީފާތަކުގައި ތިބުމުގެ ހައްގަކީ އެ މުވައްޒަފުންނަށް ލިބިގެންވާ ހައްގެއް ނޫންކަމާއި އެ މުވައްޒަފުން ވަޒީފާ އަދާކުރަންޖެހޭ ތަންތަން އެނގިވަޑައިގަންނަވާނީ ސަރުކާރަށް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމަކީ ޤާނޫނުތަކާ ހިލާފު ވާހަކަފުޅެއްކަމަށް ވާތީ އެކަން ކުށްވެރިކުރަމެވެ،" ބަޔާނުގައި ވެއެވެ.

އެމްޑީޕީން ބުނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ އަދަދު ގިނަ ކަމުގައި ވީނަމަވެސް ހިއުމަން ރިސޯސް އޯޑިޓެއް ނުހައްދަވައި، ހަމައެކަނި އެއްވުޒާރާއަކަށް އަމާޒުކުރައްވައިގެން 75 މުވައްޒަފުން އެއްފަހަރާ ވަކިކުރެއްވުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭކަމެއް ނޫން ކަމަށެވެ.

"މިކަމުން ފެންނަން އޮތް އަނެއް ބިރަކީ 2008 ވަނަ އަހަރުގައި އަމަލުކުރަން ފެށި ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން އޮތް ގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިމެނޭ ޕަބްލިކް ސާވިސް ޑިޕާޓްމެންޓުން މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރަމުންދިއަ ގޮތަށް އަލުން އަނބުރާ ބަދަލުވަމުންދާކަމުގެ ބިރެވެ،" އެމްޑީޕީން ބުނެފައި ވެއެވެ.

ފިނޭންސް މިނިސްޓްރީގެ މުހިއްމު ސެކްޝަންތަކެއް އުވާލައްވައި އަދި 75 މުވައްޒަފަކު އެ މިނިސްޓްރީގެ ވަޒީފާތަކުން ކުއްލި ގޮތަކަށް ވަކިކުރެއްވުމަށް ނިންމެވުމާ ގުޅިގެން އެ މިނިސްޓްރީގެ މުވައްޒަފުން އަންނަނީ އިހްތިޖާޖު ކުރަމުންނެވެ.

މިކަމާ ގުޅިގެން ރޭ ރައީސް ޔާމީން ވިދާޅުވެފައި ވަނީ ސިވިލް ސާވިސް މުވައްޒަފުން މަސައްކަތަށް ނުނިކުމެ ހަޅުތާލު ކުރާނަމަ މުސާރައިން ކެނޑި އަދި "އެހެން ކަންތައްތައް ވެސް ވާނެ" ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ މުވައްޒަފުން މަސައްކަތް ކުރާނީ އިކޮނޮމިކް މިނިސްޓްރީގައިތޯ ނުވަތަ އެހެން މިނިސްޓްރީއެއްގައިތޯ ނިންމާނީ ސަރުކާރުން ކަމަށާއި އެއީ އެ މުވައްޒަފެއްގެ އަތްމަތީގައި އޮތް ކަމެއް ނޫން ކަމަށެވެ.

ރައީސްގެ ވާހަކަފުޅު ކުށްވެރިކޮށް އެމްޑީޕީން ބުނީ އެއީ ގާނޫނު އަސާސީ އާއި ޤާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް ދެއްވާފައިވާ އިންޒާރެއް ކަމަށެވެ.

"މުވައްޒަފުންނަށް ހަރުކަށި ބަސްފުޅުތައް ރައްދުކުރައްވައި މުސާރަ ކަނޑުއްވާލާނެ ކަމަށާއި އަދި އެނޫން ވެސް ފިޔަވަޅު އަޅުއްވާނޭކަމުގެ އިންޒާރުދެއްވި ދެއްވުމުން އެނގެނީ އެމަނިކުފާނު މިރާއްޖޭގެ ގާނޫނު އަސާސީއާ ބީރައްޓެހިފުޅުކަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ވަނީ ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ވަޒީފާ އަދާކުރުމުގެ ހައްގަށް، ރައީސް ޔާމީނާއި ސަރުކާރުން އަރައި ނުގެންނެވުމަށާއި އެފަރާތްތަކަށް ބިރުނުދެއްކެވުމަށް ސަރުކާރަށް ގޮވާލާފައެވެ.

އޭގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުން އެ މުވައްޒަފުންގެ ޙައްޤު ދިފާޢުކޮށްދެއްވުމަށާއި ޤާނޫނު އަސާސީ އާއި ޤާނޫނުގައިވާ ގޮތުގެ މަތިން މިނިވަންކަމާއެކު މަސައްކަތްކުރާ ކޮމިޝަނެއްގެ ގޮތުގައި ސިވިލް ސާވިސް ކޮމިޝަންވުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.