މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވައިފައިވާ ކަމަށް ބެލެވޭ ބޭފުޅެއްގެ ބަރަހަނާ މަންޒަރުތަކެއް ލީކުވެއްޖެ ކަމަށް ބައެއް ފަރާތްތަކުން ބުނެފި އެވެ.

ބައެއް މީހުންގެ ފޯނުތަކާއި އަދި އިންޓަނެޓުގެ ވެބްސައިޓުތަކުގައި ވެސް އެ މަންޒަރުތައް ދަނީ ގެންގުޅެމުން ކަމަށް ވެސް އެ މީހުން ބުނެ އެވެ. އެއީ ދާދިފަހުން ލީކުވި ދައުލަތުގެ އިސްވެރިންގެ ބަރަހަނާ މަންޒަރުތަކުގެ ތެރޭގައި ހިމެނޭ ވީޑިއޯއެއް ކަމަށް ބެލެވެ އެވެ. އެ ވީޑިއޯން ވެސް ފެންނަނީ ވެބްކެމް ކުރިމަތީގައި އިންނަވައިގެން އެ ބޭފުޅަކު ވަރަށް ދަށްފެންވަރުގެ ވަރަށް ހަޑިހުތުރު އަމަލެއް ހިންގަވާ ތަން ކަމަށް ވެސް އެމީހުން ބުންޏެވެ.

ނަމަވެސް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވިދާޅުވީ، މި މަހުގެ ފަހުކޮޅު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ އެއްވެސް ބޭފުޅެއްގެ ބަދުއަހުލާގީ މައްސަލައަކާ ގުޅޭ ޝަކުވާއެއް އެ ޕާޓީއަށް ލިބިފައިނުވާ ކަމަށެވެ. އަދި މަގާމުތަކަށް ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ހޮވައިފައި ވަނީ އެ މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތު ހަމަވޭތޯ ބެލުމަށް ފަހު ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

"އަޅުޔުގަނޑުމެންނަށް އެކަހަލަ ޝަކުވާއެއް ލިބިފައެއް ނެތް. އަނެއްކާ އަޅުގަނޑުމެން އަމިއްލައަކަށް އެކަހަލަ އެއްވެސް މައްސަލައެއް ނުބަލަން. އަޅުގަނޑުމެން ޕާޓީން ކަނޑައެޅި ކެންޑިޑޭޓަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި އޮންނާނެ ޝަރީއަތުގައި އެކަހަލަ މައްސަލައެއް ސާބިތުވެފައި ނުވުން،" ޝާހު ވިދާޅުވި އެވެ. "އެހެންވީމަ ޝަރީއަތުން ސާބިތުވެފައި ނެތިއްޔާ އަޅުގަނޑުމެންނަށް މައްސަލައަކަށް ބެލެން ވެސް ނޯންނާނެ."

ސަރުކާރުގެ ބައެއް ވެރިންނާއި މުޖުތަމައުގެ އެކި ފަންތީގެ މީހުންގެ ބަރަހަނާ ވީޑިއޯތަކެއް ވެބްކެމް ބޭނުންކޮށްގެން ރެކޯޑްކޮށް، އެ މަންޒަރުތައް ބޭނުންކޮށްގެން އެފަރާތްތައް ބްލެކްމެއިލްކުރަން ބަޔަކު މަސައްކަތްކުރި މައްސަލަ ފުލުހުން ދަނީ ފުޅާ ދާއިރާއެއްގައި ތަހުގީގުކުރަމުންނެވެ. ބްލެކްމެއިލްކުރަން އުޅުނު ޒުވާން ކުދިންތަކެއް އައްޑުއާއި މާލެއިން ފުލުހުން ހައްޔަރުކޮށް، ތަހުގީގުކުރަމުން ދިޔަ ނަމަވެސް އެ ބަރަހަނާ މަންޒަރުތަކުން ފެންނަ އެއްވެސް ފަރާތެއްގެ މައްޗަށް ފުލުހުން ކުރިއަށްގެންދާ ތަހުގީގެއްގެ މައުލޫމާތެއް މިހާތަނަށް ދީފައެއް ނުވެ އެވެ. ފުލުހުން ބުނަމުން ދަނީ، އެ މަންޒަރުތަކުން ފެންނަ މީހުންގެ މައްސަލަ ވެސް ބަލަމުންދާ ކަމަށެވެ.

އެ މައްސަލަ ފެންމަތިވި ފަހުން، އެ ކަމުގައި ޝާމިލުވާ ކަމަށް ބެލެވުނު އެންމެ ބޭފުޅަކު ފިޔަވައި އެއްވެސް ފަރާތަކުން މިހާތަނަށް އިސްތިއުފާދީފައެއް ނުވެ އެވެ.