23 Dec 2015, 16:37
ބެންކޮކް (ޑިސެމްބަރު 23) : 2017 ވަނަ އަހަރު ތައިލެންޑުގެ ވެރިކަން ރައްޔިތުން އިންތިޚާބުކުރާ ސަރުކާރަކާ ހަވާލުކުރާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު އަދި އިންގިލާބީ ވެރިޔާ ޖެނެރަލް ބްރަޔޮތް ޗާން އޮޗާ ވިދާޅުވެއްޖެ އެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ނިމުމުގެ ކުރިން ރައްޔިތުންނަށް ދެއްވި ޚިތާބެއްގައި ޖެނެރަލް ޗާން އޮޗާ ވިދާޅުވީ ރައްޔިތުން ހޮވާ ސަރުކާރަކާ ވެރިކަން ހަވާލުކުރުމަށް އޭނާގެ ސަރުކާރުން ރާވާފައި ވަނީ އިސްލާހީ މަރްޙަލާތަކަކަށް ބަހަލައިގެންކަމަށާއި މިހާރު ގައުމު މިވަންނަނީ އިސްލާޙީ ދެވަނަ މަރްހަލާއަށް ކަމުގައެވެ. ވެރިކަން ހަވާލުކުރުން އޮންނާނީ ތިންވަނަ މަރްޙަމަލާގައި ކަމަށާ އެއީ 2017 ވަނަ އަހަރުކަން ޗާން އޮޗާ ފާހަގަ ކުރެއްވި އެވެ.
ތައިލެންޑްގެ އިންތިޚާބީ ސަރުކާރުގެ ވައްޓާލައި ޖެނެރަލް ޗާން އޮޗާ ވެރިކަމާ ހަވާލުވެވަޑައިގަތީ 2014 ވަނައަހަރުގެ މޭ މަހުގަ އެވެ. އިންތިޚާބީ ސަރުކާރުގެ ބޮޑުވަޒީރަކަށް ހުންނެވީ ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރެއްކަމަށްވާ ތަކްސިން ޝިނަވަޓްރާގެ އަންހެން ކޮއްކޮ ޔަންގްލަކް ޝިނަވަޓްރާ އެވެ. އަސްކަރީ އިންގިލާބަކުން ޔަންގްލަކް ގެ ސަރުކާރު ވައްޓާލިއިރު އެކަމަނާގެ ސަރުކާރާ ދެކޮޅަށް ތައިލެންޑްގެ މެދުފަންތީގެ މީހުންނާއި މުއްސަނދިން އަޑީގައި ތިބެގެން އެމީހުންނަށް ތާއީދުކުރާ އެކްޓިވިސްޓުންނާއި އާންމުން ލައްވައި ގެންދިޔައީ މުޒާހަރާތަކެއްކޮށް ވަރުގަދަ އިހްތިޖާޖްތަކެއް ހިންގަމުންނެވެ. މިއީ ސިފައިންނާ އަދި ރަސްގެފާނަށް ތާއީދުކުރާ ފަރާތްތަކުގެ ރުހުން ލިބިގެން ޔަންގްލަކްގެ މަދަނީ ވެރިކަން ވައްޓާލުމުގެ މަގްސަދްގައި ހިންގި ސިޔާސީ ކަންތައްގަނޑެއްކަމަށްވަނީ ބެލެވިފަ އެވެ.
އަސްކަރީ އިންގިލާބު ގެނައިއިރު ތައިލެންޑްއޮތީ އިހްތިޖާޖުތަކާ ގުޅިގެން އެގައުމުގެ އިގްތިސާދު ހަލާކުވާ ހިސާބުގަ އެވެ. އެއީ އިހްތިޖާޖްތަކާ ގުޅިގެން ގައުމުގެ އިންޕޯޓް އެކްޕޯޓް ވިޔަފާރި ނުކުރެވޭ ހިސާބަށް ކަންތައްތައް ދިޔުމުގެ ސަބަބުންނެވެ.
ޔަންގްލަކްގެ ވެރިކަން ވައްޓާލުމަށް ފަހު ތައި ސިފައިން އެކުލަވާލި އަސްކަރީ މަޖިލީހުންވަނީ ޕާލަމެންޓްވެސް އުވާލުމަށް ފަހު އައު ގާނޫނޫ އަސާސީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އަސްކަރީ މަޖިލީހުން އަބަދުވެސް ބުނަމުން ގެންދަނީ އާންމު އިންތިޚާބެއް ބޭއްވޭ މިންވަރަށް ގައުމުގައި އަދި ވެސް ހަމަޖެހުން ގާއިމް ނުވާކަމުގައެވެ. ތައިލެންޑްގެ އަސްކަރީ އިންގިލާބަށް 19 މަސް ފުރިފައިވާއިރު އެ ސަރުކާރުން ވަނީ ސިޔާސީ އދިކޮޅު ފަރާތްތަކަށް ފިއްތުންތައް ކުރިމަތިކޮށް އިދިކޮޅު އެތަށް ސަތޭކަ ބަޔަކު ހައްޔަރު ކޮށްފައެވެ. އިދިކޮޅު ފަރާތްތައް ހައްޔަރު ކުރުމަށް އަސްކަރީ ސަރުކާރުން ބޭނުންކުރަމުން ގެންދަނީ ތައިލެންޑްގެ ރަސްގެފާނަށް ފާޑުކިޔުމާއި ރަސްކަމާއި ޝާހީ އާއިލާއަށް އިހާނާތްކުރުމަކީ ޖަރީމާއެއްކަމަށް ބުނާ ތައިލެންޑްގެ ގާނޫނެވެ. (ނޫސްއެޖެންސީތައް)