23 Dec 2015, 16:09
މިސް ޔުނިވާސް އިއުލާން ކުރި ރަސްމިއްޔާތު ހުށަހެޅި ފަރާތައް އޮޅިގެން މިސް ޔުނިވާސްގެ ލަގަބު ދިން މިސް ކޮލަމްބިއާ، އަރިއަޑްނާ ގުޓެއިރޭޒް އެހާދިސާ ހިނގައި ދިޔަ ގޮތާ މެދު ބުނީ ކުޑަހިނދުކޮޅަކަށް ނަމަވެސް މިސް ޔުނިވާސް އަށް ވުމުން އޭނާގެ ގައުމަށް އުފާވެރިކަން ފޯރުކޮށްދިނުމަކީ އޭނާގެ ތަގުދީރުގައި އޮތް ގޮތް ކަމަށެވެ.
ހޯމަ ދުވަހު ބޭއްވި މިސް ޔުނިވާސް އިއުލާންކުރި ރަސްމިއްޔާތުގައި ނަގާފައިވާ ފޮޓޯއެއް އިއްޔެ އިންސްޓަގްރާމް ކުރުމަށް ފަހު ގުޓެއިރޭޒް ވަނީ ކޮލަމްބިއާއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭނާ އަށް ތާއިދު ކުރާ ފަރާތްތައް ލިބުމަކީ އޭނާ ވަރަށް ނަސީބުވެރިވާ ކަމެއް ކަމަށާއި އެ ހާދިސާ ހިނގައި ދިޔަ ގޮތަކީ އޭނާގެ ތަގުދީރުގައި ލިޔެފައި އޮތް ގޮތް ކަމަށް ބުނެފައި އެވެ.
"ކޮންމެ މީހެއްގެ ތަގުދީރު ވަނީ ލިޔެވިފައި. އެއީ އަޅުގަނޑުގެ ތަގުދީރު. ކުޑަ ހިނދުކޮޅަކަށް މިސް ޔުނިވާސްގެ ލަގަބު ލިބުމުން އަޅުގަނޑަށް އަޅުގަނޑުގެ ގައުމަށް އުފާވެރިކަން ފޯރުކޮށްދެވުނު،" ގުޓެއިރޭޒްގެ އިންސްޓަގްރާމްގައިވެ އެވެ.
މީގެ އިތުރުން ގުޓެއިރޭޒް ވަނީ މިސް ޔުނިވާސްގެ މަގާމު ހާސިލް ކުރި އަލޮންޒޯ ވުޓްޒްބަަޗްގެ ގައުމު، ފިލިޕީންސަށް ވެސް މަރުހަބާ ކިޔާފަ އެވެ. އަދި އޭނާއަށް "ލޯތްބާއި، ހިތްވަރާއި، އޯގާތެރިކަން" ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
އެ މެސެޖް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުމުވުގެ ކުރިން ގުޓެއިރޭޒް ވަނީ އޭނާ މިސް ޔުނިވާސްގެ ތާޖު އަޅައިގެން ހުރި ދެ ފޮޓޯއެއް ވެސް އިންސްޓަގްރާމް ކޮށްފަ އެވެ. އަދި މިސް ޔުނިވާސްއަށްވީ ކުޑަ ވަގުތުކޮޅު ދުވަހުކު ވެސް ހަނދާން ނުނެތޭނެ ކަމަށް ބުނެފަ އެވެ.