23 Dec 2015, 13:47
ހުޅުމާލެއާއި މާލެއާ ދެމެދު އަޅަން ނިންމާފައިވާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް"ގެ އަމަލީ މަސައްކަތްތައް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް އެބަގެންދެ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު "ސަން" އަށް ވިދާޅުވީ، މިހާރު ކުރިއަށްދަނީ ބުރިޖްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ ސާމާނުތައް ނުވަތަ ޑިވައިސްތައް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.
މިއަދު ކަނޑުއަޑީގައި ހަރުކޮށްފައި ވަނީ ވޭވް ގައުޖެކެވެ. އޭގެ ބޭނުމަކީ ރާޅުތަކުގެ ބާރު މިނާއި ރާޅު ހުންނަ ދިމާ ބެލުމެވެ. އަދި އެ މައުލޫމާތަކީ ބުރިޖް އެޅުން ކުރިއަށް ދާއިރު ކޮންމެހެން މުހިންމު މައުލޫމާތުތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ ބުރިޖުގެ ތަނބުތައް ހުންނަ ލޮކޭޝަންތަކުގައި އެ ޑިވައިސްތައް ބަހައްޓައިގެން ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ.
ބުރިޖްގެ މަސައްކަތަށް ބޭނުންވާ ޑިވައިސްތައް ކަނޑު އަޑީގައި ހަރުކުރަން ފަށާފައިވީ ނަމަވެސް، އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފަށަން ހަމަޖައްސާފައި ވަނީ މިމަހު 30 ވަނަ ދުވަހުގެރޭ ބާއްވާ ހާއްސަ ރަސްމިއްޔާތަކާ އެކުގަ އެވެ.
"ކަނޑުއަޑީގައި ސެންސާސް ހަރުކުރުމުގެ މަސައްކަތް މިހާރު އެބަ ހިނގާ. އަދި ތަނބުތައް ޖަހާއިރު ކަނޑުއަޑީގައި ނަގަން ޖެހޭ މެޝަމެންޓްސް ނެގުމަށް ކުރަން ޖެހޭ ކަންކަން ވެސް އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ބުރިޖްގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަނީ ބުރިޖް އަޅަން ހަވާލުކޮށްފައިވާ ސީސީސީސީ ހާބާ އިންޖިނިއަރިން އާއި ހައުސިން މިނިސްޓްރީގެ އިތުރުން އެމްއެންޑީއެފް ގުޅިގެންނެވެ.
މާލެ-ހުޅުމާލެ ބުރިޖްގެ ދިގު މިނަކީ 1.39 ކިލޯ މީޓަރެވެ. ބްރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުންނާނެ ކަަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ހަތަރު ފުރޮޅުލީ އުޅަދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާއި ހިނގާފައި ދާ މީހުންނަށް ވަކި ލޭނެއް އޮންނާނެ ކަަމަށް ވެސް ސަރުކާރުން ވަނީ ކުރިން ބުނެފަ އެވެ.