މާސްގެ ދިރާސާތައް ކުރުމަށް ޓަކައި ނޭޝަނަލް އެއިރޯނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން އަންނަ އަހަރު ފޮނުމަށް ހަމަޖެހިފައިވާ އުޅަނދު "އިންސައިޓް"ގައި މައްސަލަތަކެއް ހުރުމުން އެ ދަތުރު ފަސްކޮށްފި އެވެ.

ނާސާ އިން ބުނީ އަންނަ އަހަރު މާޗުގައި ފުރުމަށް ހަމަޖެހިފައިވާ އުޅަނދުގެ ލޯންޗުކުރުން ލަސްކޮށްފައި ވަނީ އޭގެ ސައިންޓިފިކް ބައެއް ތަކެތީގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވުމުން ކަމަށެވެ.

އިންސައިޓްގެ މައްސަލަތައް ހައްލު ކުރުމަށް ފަހު އެ މާސްއަށް ފޮނުވުމަށް ނިންމާފައިވާ ތާރީހެއް ރަސްމީކޮށް ނާސާއިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ބައެއް ސޯސްތަކުން ބުނާ ގޮތުގައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ އުޅަނދަށް ދުނިޔެ އިން ބޭރަށް ލޯންޗު ނުކުރެވޭނެ ކަމަށެވެ.

އިންސައިޓްގެ ސައިންޓިފިކް ބައެއްތަކެތި ބަހައްޓާފައި ހުރި ވެކިއުމް ސީލްކޮށްފައިވާ ކޮންޓެއިނަރެއްގައި ލީކެއް ހުރި ކަމަށް މިމަހުގެ ތިނެއްގައި ނާސާއިން ވަނީ ބުނެފައެވެ.

އެ ކޮންޓެއިނަރުގައިވާ ތަކެއްޗަކީ "އެސްއީއައިއެސް"ގެ ނަމުން ނަން ދެވިފައިވާ ތަކެއްޗެވެ. އެތަކެތީގެ ބޭނުމަކީ މާސްގެ ބިމު އަޑީގެ ދިރާސާތައް ކުރުމެވެ. އެގޮތުން ބިންހެލުން އުފެދުން ފަދަ ކަންތައް ބެލުމަކީ އޭގެ މަސައްކަތް ކަމަށް ނާސާ އިން ވަނީ ބުނެފަ އެވެ.

މާސްގައި މިހާރުވެސް ނާސާގެ އުޅަނދެއް ދަނީ ހަރަކާތްތެރިވަމުންނެވެ. "ކިއުރިއޯސިޓީ ރޯވާ"ގެ ނަން ދެވިފައިވާ އެ އުޅަނދުގެ މައިގަނޑު މަސައްކަތަކީ މާސް އިން ފެނުގެ ނިޝަނެއް ހޯދުމެވެ. އެގޮތުން މާސްގައި ފެން އުފެދޭކަން ކަށަވަރުކޮށްދޭ ހެކިތަކެއް ވަނީ ކިއުރިއޯސިޓީ ރޯވާއަށް ދާދި ފަހުން ފެނިފަ އެވެ.