23 Dec 2015, 13:54
ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އާދަޔާ ހިލާފަށް ދަށަށް ގޮސް، ފީފާއެއް 36.05 ޑޮލަރަށް ވެއްޓިއްޖެ އެވެ.
މިއީ 2004 ވަނަ އަހަރުގެ ފަހުން ތެލުގެ އަގު މިހާބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
މީގެ 18 މަސް ދުވަސް ކުރިން ސާފު ނުކުރާ ތެޔޮ ފީފާއެއް ނުވަތަ ބްރެންޓް ކުރޫޑް ފީފާއެއްގެ އަގު ހުރީ 115 ޑޮލަރުގަ އެވެ.
ކަމާބެހޭ މާހިރުން ބުނާ ގޮތުން ދުނިޔޭގެ ބާޒާރުގައި ވިއްކާ ތެލުގެ އަގަށް މިހާ ބޮޑު ބަދަލެއް އައިސްފައި ވަނީ ތެޔޮ އުފައްދާ ގައުމުތަކުން ދުނިޔޭގައި ތެލަށް އޮންނަ ޑިމާންޑްގެ އިތުރަށް ތެޔޮ އުފައްދަމުން ދިއުން ކަމަށެވެ.
މީގެ ކުރިން ހަތަރު ވަރަކަށް މަސް ކުރިން ވެސް ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ ވެއްޓިފަ އެވެ.
ދުނިޔޭގެ ތެޔޮ އުފައްދާ ގައުމުތަކުގެ އިއްތިހާދު، އޯޕެކުން ވަނީ އެއިއްތިހާދުގެ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު ދަށް ނުކުރާނެ ކަމަށް ބުނެފައެވެ.
މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް، އޯޕެކްގައި ހިމެނޭ 12 ގައުމުން ދުވާލެއްގެ މައްޗަށް 30 މިލިއަން ތެޔޮ ފީފާ އުފައްދަ އެވެ. މިއީ 2011 ވަނަ އަހަރު އެއިއްތިހާދުން ނިންމާފައިވާ ނިންމުމެކެވެ.