މިއަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް މަކަރާ ހީލަތުން 600،000 ވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި ފައިސާ އަކީ ނުދަންނަ ނަމްބަރުތަކުން ގުޅައިގެން ތަފާތު ޕްރޮމޯޝަންތަކާ އޮންލައިން ވިޔަފާރީގެ ނަމުގައާއި އެނޫންވެސް ގޮތްގޮތުން މަކަރާ ހީލަތުން ފައިސާާ ފޭރިގަނެފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ހިންގާފައިވާ މުޢާމަލާތުން ރައްޔިތުންގެ އެކައުންޓްތަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފައިސާގެ މިންވަރު ކަމަށެވެ.

އަދި އެއީ ހަމައެކަނި މާލެއިން ހުށަހެޅުނު މައްސަލަތަކުގައި ފޭރިގެންފައިވާ ކަމަށް ބެލެވޭ ފައިސާގެ އަދަދު ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މަކަރާ ހީލަތުން ފައިސާ ފޭރުމުގެ ފުރުސަތު ދެވެނީ އާންމު ރައްޔިތުންވެސް އެކަންކަމާމެދު ވިސްނަންވީ ވަރަށް ވިސްނައި ސަމާލުކަން ނުދިނުމުންކަން ފުލުހުންނަށް ހުށަހެޅިފައި ހުރި މިފަދަ މައްސަލަތަކުގެ މަޢުލޫމާތު ސާފު ކުރުމުން އެނގޭ ކަމަށެވެ.

ފާއިތުވި ދެ މަހެއްހާ ދުވަސްތެރޭގައި މިފަދަ 65 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު މިއަހަރުގެ މިހާތަނަށް އެފަދަ 350 އަށްވުރެ ހުށަހެޅިފައިވެ އެވެ. އޭގެ ތެރޭގައި ބައެއް އަތޮޅުތަކުން ވެސް އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައި ވާތީ ހުށަހެޅިފައިވާ މައްސަލަތައް ހިމެނެއެވެ.

އެފަދަ މައްސަލަތަކުގެ ތެރޭގައި އެއްފަހަރާ ލައްކަ ލައްކައިން ފައިސާ ފޭރިގެންފައިވާ މައްސަލަތައް ވެސް ހިމެނެއެވެ.

ދާދި ފަހުން ރާއްޖޭގެ ބޮޑު ތިން ކުންފުންޏަކާ ފުލުހުންނާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނިތަކުގެ އިސްވެރިން ވިދާޅުވީ އެއްވެސް ކުންފުންޏަކުން އާއްމު ރައްޔިތުންގެ އަތުން ފައިސާ ހޯދުމަށް ޕްރޮމޯޝަނެއް ކުރިއަކަށް ނުގެންދާނެ ކަމަށާއި އެކަމަށް ރައްޔިތުން ސަމާލުވުމަށް އެދޭ ކަމަށެވެ.

އެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ އެފަދަ ގޮތް ގޮތަށް އާއްމުންނަށް ގުޅަމުންދާ ފަރާތްތަކުގެ ނަންބަރު ބުލޮކް ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. ނަވާޒު ވިދާޅުވީ އެފަދަ މައްސަލަތަކަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެއް ކަމަށާއި އަދި ވަރަށް ގިނަ މައުލޫމާތުތަކެއް އެއް ކުރަން ޖެހޭ މައްސަލަތަކެއް ކަމަށެވެ.