23 Dec 2015, 13:00
އިންޑިއާގެ އެއާޕޯޓެއްގައި ކެބިންކްރޫން ގޮވައިގެން ދަތުރުކުރި ޝަޓުލް ބަހެއްގައި އިން ޑްރައިވަރަކަށް ނިދުމުގެ ސަބަބުން އެއާޕޯޓްގައި އޮތް މަތިންދާބޯޓެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.
ޑެއިލީމެއިލް ނޫހުގައި ބުނެފައި ވަނީ އިންޑިއާގެ ކޮލްކަޓަ އެއާޕޯޓްގައި މިއަދު ހެނދުނު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ހާނީއްކަ ވެފައި ނުވާ ކަމަށެވެ.
ބަސް ޖެހިފައި ވަނީ އޭޓީއާރު 42 މަރުކާގެ އެ ބޯޓުގެ ކަނާތު ފިޔައާ ދިމާލުންނެވެ. އެކްސިޑެންޓް ހިނގި އިރު ބޯޓު އޮތީ ރީޖަނަލް ދަތުރަކަށް ތައްޔާރުވަމުން ކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ.
ޖެޓް އެއާވޭސް އާ ހަވާލާދީ އެ ނޫހުން ބުނީ ފްލައިޓަށް ލިބުނީ "އަގުބޮޑު ގެއްލުމެއް" ކަމަށެވެ.
ފުލުހުން ވަނީ އެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދަށް ގޮސް ޑްރައިވަރު ގެންގޮސް ތަހުގީގު ފަށައިފަ އެވެ.
ޑެއިލީމެއިލް ނޫހުން ބުނީ މެޑިކަލް އެގްޒާމްތަކުން ދައްކާގޮތުން ބަސް ޑްރައިވަރު ހުރީ އެއްގޮތަކަށް ވެސް މަސްތުގެ ހާލުގައި ނޫންކަން ޔަގީންވެފައިވާ ކަމަށެވެ.