ސިއެޓްލް (ޑިސެމްބަރ 23): ހުކުމުގެ މުއްދަތު އެއްކޮށް ފުރިހަމަ ކުރުމުގެ ކުރިން އެމެރިކާގެ ވޮޝިންޓަން ސްޓޭޓުގެ ޖަލުތަކުން 3،200 ވަރަކަށް ކުށްވެރިން ފާއިތުވި 13 އަހަރުގެ ތެރޭގައި އޮޅިގެން މިނިވަން ކޮށްފައިވާ ކަމަށް ވޮޝިންޓަންގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ވޮޝިންޓަން ސްޓޭޓްގެ ގަވަރުނަރު ވިދާޅުވި ގޮތުގައި އެ ކުށްވެރިން މާއަވަހަށް މިނިވަންކުރެވިފައި ވަނީ "ގުޑް ޓައިމް ކްރެޑިޓްސް" ނުބައިކޮށް ކަލްކިއުލޭޓް ކުރެވުމުގެ ސަބަބުންނެވެ. ގުޑް ވިލް ކްރެޑިޓްސް އަކީ ގައިދީންގެ އަހުލާގަށް ބެލުމަށް ފަހު އެމީހުންގެ ބަންދުގެ މުއްދަތު ކުޑަ ކުރުމަށް އެމީހުންނަށްދޭ ކްރެޑިޓެކެވެ.

ގައިދީންގެ އަހުލާގަށް ބެލުމަށް ފަހު އެމީހުންގެ ހުކުމް ލުއިކުރުމުގެ ޕްރޮގްރާމް ވޮޝިންޓަންގެ ޑިޕާޓްމެންޓް އޮފް ކަރެކްޝަންސްއިން ފެށީ 2002 ވަނަ އަހަރު އެސްޓޭޓްގެ ސުޕްރީމް ކޯޓުން ކުރި އަމުރަކަށް ފަހުގައި އެވެ.

އެ ޕްރޮގްރާމްގެ ދަށުން މިނިވަންކުރި މީހުންގެ ތެރެއިން ތިން ޕަސެންޓް މީހުންނަށް މާގިނައިން ގުޑް ޓައިމް ކްރެޑިޓްސް ދީފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އޭގެ ތެރެއިން އެންމެ އާއްމުކޮށް ކުށްވެރިން މިނިވަން ކޮށްފައި ވަނީ ހުކުމުގެ މުއްދަތު ހަމަވާން 49 ދުވަހަށް ވެފައި ވަނިކޮށް ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.

ކަރެކްޝަން އޮފިޝަލުން މިހާރު ގެންދަވަނީ ހުކުމުގެ މުއްދަތު ފުރިހަމަވުމުގެ ކުރިން މިނިވަންކޮށްފައިވާ ކުށްވެރިން ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް، އެމީހުން ޖަލަށް އަނބުރާ ފޮނުވުމަށް ނިންމާނީ ތަންފީޒު ކުރަން ޖެހޭ ހުކުމުގެ މުއްދަތަށާއި މިނިވަން ވުމަށް ފަހު އަހުލާގު ހުރި ގޮތަށް ބެލުމަށް ފަހުގައި ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

މީގެ ކުރިން 2012 ވަނަ އަހަރު ވެސް އެމައްސަލަ ފެންމަތިވެފައިވެ އެވެ. ނަމަވެސް ސްޓޭޓް ކަރެކްޝަން އޮތޯރިޓީސް އިން އެ މައްސަލަ ހައްލު ކޮށްފައި ނުވެ އެވެ.

އެހެން ކަމުން އެ މައްސަލަ ހިނގާ ދިޔަގޮތާއި މައްސަލަ ހައްލުކުރުމަށް 13 އަހަރު ނެގި ސަބަބު މިނިވަން ކަމާއެކު ތަހުގީގު ކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އަދި ގުޑް ޓައިމް ކްރެޑިޓްސްގެ ހިސާބު ހެދުމަށް ހާއްސަކޮށްފައިވާ ސޮފްޓްވެއާ ރަނގަޅު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މިއަންނަ އަހަރުގެ ޖެނުއަރީ ހަތެކަށް އެ ސޮފްޓްވެއާ ރަނގަޅުކޮށް ނިމޭނެ ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.

އެ ސޮފްޓްވެއާ ރަނގަޅު ވަންދެން ގައިދީންގެ ހުކުމް ލުއި ކުރުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. (ސީއެންއެން)