23 Dec 2015, 12:38
މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދާއި މާލޭގައި ހުންނަ ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގެ ޕާކިން ޒޯންތަކުން ނަގާފީ ބޮޑު ކުރުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފި އެވެ.
އެމްޓީސީސީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ "ގެނެސްފައި ވަނީ މާބޮޑު ބަދަލެއް ނޫން" ކަމަށާއި، އަދި އެ ބަދަލު ގެނައި ސަބަބު ހާމަކުރެވެން ނެތް ކަމަށެވެ.
ޕާކް ކުރާ އުޅަނދުތަކުގެ ތެރެއިން ސައިކަލަކުން ނެގުމަށް ނިންމާފައި ވަނީ މަހަކު 500 ރުފިޔާ އެވެ. އަދި ކާރަކުން ނެގުމަށް ނިންމާފައި ވަނީ މަހަކު 3500 ރުފިޔާ އެވެ.
އެ ދެ ޓާމިނަލްގައި ޕާކު ކުރާ އުޅަނދުތަކުން މަހު ފީގެ ގޮތުގައި އެމްޓީސީސީން ކުރިން ނަގަމުން ގެންދިޔައީ ސައިކަލަކަށް 200 ރުފިޔާ އަދި ކާރަކަށް 1500 ރުފިޔާއެވެ.
ކާރާއި ސައިކަލުން މަހަކަށް ނަގާ ފީ ބޮޑު ކުރި ނަމަވެސް ވަގުތީ ގޮތުން ޕާކު ކުރާ އުޅަނދުތަކަށް ގަޑިއިރަކަށް ނަގާ ފަސް ރުފިޔާއަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ވަގުތީ ގޮތުން ޕާކް ކުރެވޭނީ ގިނަވެގެން ތިން ގަޑި އިރަށެވެ.
އޮފިޝަލް ވިދާޅުވީ އެ ގެނެވުނު ބަދަލަށް އަމަލު ކުރަން ފަށާނީ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ.