ފޯރިގަދަ ވާދަވެރި ކެމްޕެއިނެއްކޮށް އެމްޑީޕީގެ ނާއިބު ރައީސްކަމުގެ މަގާމު ކާމިޔާބު ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރޭ، މއ. މަނަހުގައި އަސްލަމްގެ ކެމްޕެއިން ޖަގަހަ ހުޅުއްވައި ދެއްވަމުން އަސްލަމް ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުތަކަކީ ޕާޓީ ބިނާކުރުމުގެ އެކި މަރުހަލާތަކުގައި އަންނަ އެންމެ މުހިއްމު، އެންމެ އިސް މަރުހަލާ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ އެ ޕާޓީތައް މެދުވެރިކޮށް ވެރިކަން ހިންގާ ނިޒާމުގެ ތެރޭގައި ރައްޔިތުންނާއި، ސަރުކާރު ގުޅުވައިދޭ ފަރާތް ކަމަށެވެ.

"ޕާޓީތަކަކީ ރައްޔިތުން ބޭނުންވާ ގޮތާއި އެދޭގޮތް ސަރުކާރާ ހަމައަށް ހުށަހެޅުމަށް އޮންނަ ޕްލެޓްފޯމް. އެހެންވީމަ ޕާޓީގެ އިސް ލީޑަރުންނަށް އިންތިހާބު ކުރައްވާ ބޭފުޅުން ވާންޖެހޭ މެންބަރުންގެ ޝުއޫރުތައް ދަންނަ، މެންބަރުން ބޭނުންވާ ގޮތްތައް އަޑުއަހާ، އެ ކަންތައްތައް އެނގޭ، ވިސްނުންތެރިކަމާއެކު ސަރުކާރު ހިންގުމުގެ ތެރޭގައި އެކަންތައްތައް ތަންފީޒު ކުރުމަށް ސަރުކާރަށް ބާރުއަޅާ، އެ ކަންތައްތައް ކުރެވޭނެ ބަޔަކަށް،" އަސްލަމް ވިދާޅުވި އެވެ. ޕާޓީގެ އެތެރޭގެ އިންތިހާބެއް ހިނގާއިރު ޕާޓީ ނުރޫޅި ވަރުގަދަކޮށް ދެމިއޮންނާހެން އިންތިހާބުގައި ބައިވެރިވުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

"އިންތިހާބުގެ ވޯޓުލާ ހިސާބަށްދާއިރު އެންމެ ދެކެންބޭނުންވަނީ ޕާޓީގެ 45،000 މެންބަރުންގެ ތެރެއިން ގިނަ ބަޔަކު ވޯޓުލާން ނިކުމެ ވޯޓުލުން. އޭރުން ޕާޓީގެ ހަރަކާތްތަކުގައި މެންބަރުން ބައިވެރިވެ، ޕާޓީގެ ނިންމުންތަކުގައި ބައިވެރިވާކަން އެނގިގެންދާނެ. އެހެން ނޫންނަމަ ޕާޓީގެ ނިންމުންތައް ނިންމުމުގައި މެންބަރުންގެ އެހާ ބޮޑު ޝައުގުވެރިކަމެއްނެތްކަން އިދިކޮޅު ފަރާތްތަކަށް އެނގިގެންދާނެ،" އަސްލަމް ވިދާޅުވި އެވެ.