23 Dec 2015, 12:49
ހުޅުމާލޭގައި ބާބަކިޔު ހަދާ ސަރަހައްދުގައި ނާށި އެންދުން މަނާކޮށް، ބާބަކިއު ހެދުމަށް ކޯލު ބޭނުން ކުރުމަށް ބާރު އެޅުމުގެ އުސޫލެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ސައިމަން "ސަން"އަށް މިއަދު ވިދާޅުވީ ނާށި އެންދުމަކީ މުޅި އެ ސަރަހައްދު "ހަލާކުވާން" މެދުވެރިވާ ސަބަބެއް ކަމަށެވެ.
ސައިމަން ވިދާޅުވީ އެ އުސޫލު ގާއިމް ކުރުމުން ނާށީގެ ބަދަލުގައި އެތަނުގައި ބޭނުންކުރާނީ "ކޯލް" ކަމަށެވެ. ކޯލްއަކީ ބޯޓު ދެއްޔެވެ.

ކޯލް ނުވަތަ ބޯޓު ދެލި: ނާށީގެ ބަދަލުގައި ބޯޓު ދެލި ބޭނުން ކުރުމަށް ދަނީ ބާރު އަޅަމުން
ކޯލްއަކީ ބޭރުގެ ގައުމުތަކުގައި ވެސް ބާބަކިޔު ހެދުމުގައި އަލިފާން އެންދުމަށް އެންމެ ގިނައިން ބޭނުންކޮށް އުޅޭ އެއް ބާވަތެވެ. އެއީ ގިނައިރު އަލިފާން ހިފާފައި ހުންނަ އަދި ދުންއެރުން މަދު ބާވަތެކެވެ.
ސައިމަން ވިދާޅުވީ ކޯލް ވިއްކާނީ އެ ސަރަހައްދުގައި ހުންނަ ފިހާރައަކުން ކަމަށާއި އެކަމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން އެ ފަރާތަށް ލިބުނުހާ އަވަހަކަށް އެ އުސޫލު ގާއިމު ކުރާނެ ކަމަށެވެ.
"ނާށި އެންދުމަކީ އެކަހަލަ ތަންތަނުގައި ކުރަން ހެޔޮވާވަރު ކަމެއްވެސް ނޫން. އެހެންވެ އެތަނުން ކޯލް ވިއްކަން ފަށާނެ. މިހާރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެބޭފުޅުން ވަނީ ހުއްދައަށް އެދި އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައި. އެހެންވީމަ ހުއްދަ ލިބުނުހާ އަވަހަކަށް އެބޭފުޅުން އެ ވިއްކަން ފަށާނެ އެހިސާބުން އެތަނުގައި ނާށި އެންދުން މަނާވާނެ،" ސައިމަން ވިދާޅުވި އެވެ.
ނާށި އެންދުމުން އަލިފާނުގެ ހާދިސާތައް ހިނގުމަށް މަގުފަހިވެ އެވެ. އަދި އެއިން ގިނައިން ދުން އެރުމުން ބާބަކިޔު ހަދަން އެ ސަރަހައްދުގައި އުޅޭ މީހުންނަށް ދަތިތަކާ ކުރިމަތިވެ އެވެ.
ބާބަކިޔު ހަދާ ސަރަހައްދުން ކުލި ދީގެން ބާބަކިޔު ހަދަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ދަނީ އަޑު ފަތުރަމުންނެވެ. އެކަމާ ގުޅިގެން ސައިމަން ވިދާޅުވީ ބާބަކިޔު ހަދާ ސަރަހައްދަކީ ހުރިހާ އާންމުންނަށް "އޯޕަން ސަރަހައްދެއް" ކަމަށާއި އެތަނުގައި ބާބަކިޔު ހެދުމަށް އެއްވެސް ފަރާތަކުން ކުއްޔެއް ދޭން ނުޖެހޭނެ ކަމަށެވެ.