ފޭސްބުކް މެސެންޖާއިން ފޯރުކޮށްދޭ ހިދުމަތްތަކާ ވާދަ ކުރާ ފަދަ ހިދުމަތްތަކެއް ލިބޭނެ މޯބައިލް މެސެޖިން އެޕްލިކޭޝަނެއް ގޫގަލް އިން އުފައްދަން އުޅޭ ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.

މަޝްހޫރު ނޫހެއް ކަމަށްވާ "ވޯލް ސްޓްރީޓް ޖާނަލް"ގައި ބުނެފައި ވަނީ ގޫގަލް އިން އަލަށް ތައާރަފު ކުރާ މެސެޖިން ސާވިސް އިން އެ ކުންފުނީގެ "އާޓިފިޝަލް އިންޓެލިޖެންސް" ހިދުމަތް ބޭނުން ކުރާނެ ކަމަށެވެ. އާޓިފިޝަލް އިންޓެލިޖެންސް މެސެޖިން އެޕްލިކޭޝަންގައި ބޭނުން ކުރުމުން އެޕްލިކޭޝަންގެ ތެރެއިން ގޫގަލްގެ ކެޓަލޮގް ބެލުމާއި ސުވާލުކޮށްގެން ތަކެތީގެ ޖަވާބު ހޯދޭނެ ކަމަށް ވޯ ސްޓްރީޓް ޖާނަލް އިން ވަނީ ބުނެފަ އެވެ.

އަލްފަބެޓްގެ ދަށުން ހިންގާ ގޫގަލްގެ އެ މެސެޖިން އެޕްލިކޭޝަން އިން އެކުވެރިންނަށް މެސެޖު ކުރުމުގެ އިތުރުން އިންޓަނެޓް މެދުވެރިކޮށް ޖަވާބު ހޯދަން ބޭނުންވާ ސުވާލުތައް ކުރެވޭނެއެވެ.

ގޫގަލްގެ މެސެޖިން އެޕްލިކޭޝަންއަށް ދޭނެ ނަމެއް ނިންމާފައި ނުވާ ކަމަށާއި އެ ނެރޭނެ ތާރީހެއް ކަށަވަރު ނުވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ވަނީ ބުނެފައެވެ.

ގޫގަލް އިން އެއިން އެއްވެސް ވާހަކައަކަށް ބުނެފައެއް ނުވެއެވެ.