ށ. ކޮމަންޑޫ މީހަކު ހޮވި 30 ކިލޯގެ މާވަހަރަކީ ހުދަންބަރެއްކަން ޔަގީންވެއްޖެ ކަމަށާއި އޭގެ އަގު 17 މިލިއަނަށް ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކޮށްފި އެވެ.

ކޮމަންޑޫއިން ފުރައިގެން ވަދާ އަޅަން ނުކުމެ އުޅެނިކޮށް، މިދިޔަ ހޮނިހިރު ދުވަހު އެ ރަށް ކައިރިން 30 ކިލޯގެ މާވަަހަރެއް ފެނިފައި ވަނީ ކޮމަންޑޫ، ވާދީ، އަބްދުއް ރަހީމް ހަސަން އެވެ.

އަބްދުއް ރަހީމް "ސަން"އަށް މިއަދު ބުނީ އޭނާ ހޮވި މާވަހަރުގެ ސާންޕަލެއް މާލެ ފޮނުވުމުން އެއީ ހުދަންބަރު މާވަހަރެއްކަން ޔަގީންވެފައިވާ ކަމަށެވެ. މާވަހަރުގެ ވައްތަރުގެ ތެރެއިން އެންމެ އަގު ބޮޑު ވައްތަރަކީ ހުދަންބަރެވެ.

މާވަރު ވިއްކާނެ އަގާ ގުޅޭ ގޮތުން "ސަން"އާ ވާހަކަ ދެއްކީ އަބްދުއް ރަހީމްގެ ދަނބިދަރި އިބްރާހިމް މޫސާ ބުނީ ބައްޕަ ހޮވި މާވަހަރުގެ ގުރާމެއް ވިއްކަން ނިންމާފައި ވަނީ 37 ޑޮލަރުގެ ރޭޓުން ކަމަށެވެ.

އެ އަގުގައި އެ މާވަހަރު ވިކިއްޖެނަމަ، އަބްދުއްރަހީމް ހޮވި މާވަހަރުގެ އަގު 17.1 މިލިއަން ރުފިޔާއަށް އަރާނެ އެވެ.

އިބްރާހިމް މޫސާ ބުނީ މާވަހަރު ޓެސްޓު ކުރުމަށް މާލެ ފޮނުވުމުން އެއީ "އޭ ކޮލިޓީ"ގެ މާވަހަރެއްކަން ޔަގީންވެފައިވާ ކަމަށެވެ.

"މާލެއަށް ފޮނުވި ސާމްޕަލް އިން އޭގެ ތެސްޓުތައް ހަދާފަ، އެއީ މާވަހަރެއްކަން ޔަގީންކަން ދީފައި އޮތީ. އެންމެންވެސް އިއްތިފާގުވޭ އެއީ މާވަހަރެއްކަން. މީރު ވަސްވެސް ދުވާ، މާވަހަރުގެ ހުންނަން ހުރިހާ އަލާމާތްތައް ފެނޭ،" އިބްރާހިމް މޫސާ ބުންޏެވެ.

އަބްދުއް ރަހީމް ބުނީ މާވަހަރު ވިއްކައިގެން ލިބޭ ފައިސާ ހަރަދު ކުރާނެ ގޮތް ނިންމާނީ ދަރިންގެ މަޝްވަރާގެ މަތިން ކަމަށެވެ. ފައިސާ ހަރަދު ކުރާނެ ގޮތުގެ އިތުރު ތަފްސީލަކަށް އަބްދުއް ރަހީމް ނުދެ އެވެ.

"އަދި އެއްވެސް ގޮތެއް ނުނިންމަން... ދަރިންގެ ހިޔާލާއި މަޝްވަރާއާ އެއްކޮށް އޭގެ ބޭނުން ކުރާނެ ގޮތަކަށް ވަކި ނިންމާފަ ވާނީ،" އަބްދުއްރަހީމް ބުންޏެވެ.