23 Dec 2015, 13:18
ނިއުދިއްލީ (ޑިސެމްބަރ 23): ބޮޑެތި ކުށްކުރާ 16 އަހަރުން މަތީގެ ކުދިންނަށް ހަރުކަށި އަދަބު ދިނުމަށް އިންޑިއާގެ ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.
އިއްޔެ ފާސްކުރި ޖުވެނައިލް ޖަސްޓިސް ބިލުގެ ދަށުން، ރޭޕް، އެސިޑް އެޓޭކް، މީހަކު މެރުން ނުވަތަ ވަގަށް ނެގުމުގައި ބައިވެރިވާ 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ހުކުމް ކަނޑައަޅަނީ ބޮޑެތި މީހުންނަށް ވެސް ހުކުމް ކަނޑައަޅާ ކޯޓަކުންނެވެ. ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަށް އިންޑިއާގެ ގާނޫނު އަސާސީގެ ދަށުން ހަތް އަހަރަށް ވުރެ އިތުރަށް ޖަލު ހުކުމް ކުރެވޭނެ އެވެ.
މީގެ ކުރިން 18 އަހަރު ނުފުރޭ ކުޑަކުދިންނަށް ހުކުމް ކުރަނީ ޖުވެނައިލް ޖަސްޓިސް ބޯޑުންނެވެ. އަދި އެ ބޯޑުން ކުޑަކުއްޖަކަށް ދެވޭނެ އެންމެ ބޮޑު ޖަލު ހުކުމަކީ ތިން އަހަރެވެ.
އިންޑިއާގެ ރައްޔިތުންގެ މަޖިލީހުން އެބިލް ފާސްކޮށްފައި ވަނީ 2012 ވަނަ އަހަރު ދިއްލީގައި ހިންގި ގޭންގްރޭޕްގައި ބައިވެރިވި ކުޑަކުއްޖާ (މިހާރު 18 އަހަރުވެފައި) ތިން އަހަރަށް ފަހު މިހަފްތާ ތެރޭގައި ޖަލުން މިނިވަން ކުރުމުން، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ގޮވާލަމުންދާ ދަނޑިވަޅެއްގައި އެވެ. އެ ބިލް ފާސްކުރި ނަމަވެސް، 2012 ވަނަ އަހަރުގެ ގޭންގް ރޭޕްގައި ބައިވެރި ކުއްޖާގެ ބަންދުގެ މުއްދަތު އިތުރުނުކުރެވޭނެ އެވެ.
އިންޑިއާގެ ވިމެން އެންޑް ޗައިލްޑް މިނިސްޓަރު، މަނޭކާ ގާނދީ ވިދާޅުވީ އެގައުމުގައި ބޮޑެތި ކުށްކުރާ ކުޑަކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި އެބިލް ފާސްކުރުމުގެ ސަބަބުން ކުށްކުރާ ކުޑަކުދިންގެ އަދަދު މަދުވާނެ ކަމަށެވެ. (ނޫސްއޭޖެންސީތައް)